ބޯޓު ދަތުރުކުރާ މީހުން ނުވަތަ ސީފެއަރާސް އަކީ "ކީ ވޯކާސް"ގެ ގޮތުގައި ކަނޑައަޅައި ދަތުރުކުރުމުގައި އަދި ކަރަންޓީނުވުމުގައި ލުއި ލިބޭ ބައެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި ސާކިއުލާއެއްގައި ވަނީ ފަޅުވެރިންނަށް ލުއިތައް ދިނުމުގައި އަމަލުކުރާނީ އެ ސިނާއަތުން ގެންގުޅޭ ޕްރޮޓޮކޯލްތަކާއި ރާއްޖޭގެ އިދާރާތަކުން ގެންގުޅޭ ޕްރޮޓޮކޯލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި ބަދަލާއެކު ބޯޓު ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ލުއި ތަކުގެ އިތުރުން ބައެއް ކަންތައްތަކުގައި އިސްކަންދޭން ވެސް ވަނީ ނިންމާފައެވެ. އެ ގޮތުން ވެކްސިން ޖެހުމަށް އިސްކަން ދޭނެއެވެ. މީގެ ކުރިން ރާއްޖޭގައި އިސްކަން ދެނީ ސިއްހީ ހިދުމަތްތަކާއި ސަލާމަތީ ހިދުމަތްތަކާއި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަވައްޒަފުންނަށެވެ.

މިކަން މިގޮތަށް ކުރުމަށް ބޯޓު ދަތުރުކުރުމާ ގުޅޭ ކަންކަން ބަލަހައްޓާ އދ. ގެ އިދާރާ، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މެމްބަރު ގައުމުތަކަށް އަންގާފައެވެ.

ބޯޓު ދަތުރުކުރާ މީހުން ކީ ވޯކާސްގެ ގޮތުގައި ރާއްޖޭން ކަނޑަނާޅާ އޮތުމަކީ އެ ދާއިރާގައި އުޅޭ މީހުން ކޮވިޑުގެ ދަތި ދުވަސްވަރު އެންމެ ކަންބޮޑުވި އެއް މައްސަލައެވެ.

މިކަމުގެ ސަބަބުން ލިބެން ޖެހޭ ބައެއް ލުއިތަކާއި އިނާޔަތްތައް ނުލިބި އޮތުމާ ގުޅިގެން އެތައް ފަހަރަކު ޝަކުވާކޮށް މިކަންތައް ހައްލުކޮށްދޭން ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގައި ވަނީ އެދިފައެވެ.