09 Mar 2012, 17:41
ދިމިޝްޤު (މާޗް 9): ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރު ސިފައިން ހިންގަމުން ގެންދާ ހަރުކަށި ޢަމަލުތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެފައިވާ ޙިމްސްގެ ބާބާޢަމްރު އަވަށް މުޅިން ފުނޑުފުނޑުވެ ސުންނާފަތިވެފައިވާ ކަމަށް އދ. ން ބުނެފި އެވެ.
ސޫރިޔާ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެޤައުމުގެ ސިފައިން ބަރުހަތިޔާރުން ދެމުންގެންދާ ޙަމަލާތަކުގައި ބާބާޢަމްރު އަވަށުގެ ގެތަކާއި ޢިމާރާތްތައް މުޅިން ހަލާކުވެ ކަރަންޓާއި ފެނާއި މުވާސަލާތުގެ ވިޔުގަތަކާއި ސިއްޙީ ނިޒާމް ފުނޑުފުނޑުވެގެން ގޮސްފައިވާއިރު އެއަވަށުގެ ރައްޔިތުން އިންސާނީ ކާރިސާއެއް ގެ ތެރޭގައި ތިބިކަމަށް އެއަވަށަށް ޒިޔާރަތްކުރެއްވި އިންސާނީ އެހީއާބެހޭ އދ. ގެ މަސްއޫލުވެރިޔާ ވެލްރީ އާމޮސް ސިފަކުރެއްވި އެވެ.
އާމޮސް ވިދާޅުވީ ބާބާޢަމްރު އަވަށަށް ކާބޯތަކެއްޗާއި ބޭސްފަރުވާއާއި ވަގުތީ ހިޔާގެ އަވަސް އެހީއަށް ބޭނުންވެފައިވާ އިރު މިކަންކުރުމަށް އިންސާނީ އެހީގެ ރައްކާތެރި ކޮރިޑޯތަކެއް މުޅި ސޫރިޔާގައި ޤާއިމްކުރަން ޖެހިފައިވާކަމަށެވެ.
އަނެއްކޮޅުން ސޫރިޔާއަށް އދ. ން ކަނޑައަޅާފައިވާ މަންދޫބު ކޯފީ އަނާން ވިދާޅުވީ ސޫރިޔާގެ ހުރިހާ ކަމެއްވެސްވަނީ ވަރަށް ނުރައްކާތެރި ޙާލަތެއްގައި ކަމަށާއި ސޫރިޔާގެ ޙާލަތުގެ ސަބަބުން އެޤައުމުގެ ރައްޔިތުންގެ އިތުރުން އަވަށްޓެރި ޤައުމުތަކަށް ވެސް ނުރައްކާ ކުރިމަތިވެދާނެ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތަކުން ސޫރިޔާއަށް ޢަސްކަރީ ގޮތުން ވަދެގަތުމުން މައްސަލަ ޙައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް ވެސް އަނާން ވިދާޅުވެ އެވެ.
ސޫރިޔާގެ ސަލާމަތީ ބާރުތަކުން އިއްޔެވެސް 63 މީހުން މަރާލާފައިވާއިރު އެތައްސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. -- އަލްޖަޒީރާ