ބެއިޖިން (11 ޖަނަވަރީ 2022): ގަލްފުގެ އަރަބި ހަތަރު ގައުމެއްގެ ޚާރިޖީ ވަޒީރުން ކުއްލި ގޮތަކަށް ޗައިނާއަށް ވަޑައިގެންފިއެވެ. އަނެއްކޮޅުން އީރާނުގެ ޚާރިޖީ ވަޒީރުވެސް އަންނަ ހަފްތާގައި ޗައިނާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގަލްފުގެ ސަރަހައްދީ ޖަމްއިއްޔާ (ގަލްފް ކޯޕަރޭޝަން ކައުންސިލް "ޖީސީސީ") ބުނާގޮތުން ސައޫދީ އަރަބިޔާ، ކުވައިތު، ބަހްރައިން އަދި އުމާންގެ ޚާރިޖީ ވަޒީރުން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގެންނެވީ ޗައިނާއާއި ޖީސީސީގެ ގައުމުތަކުގެ އިގްތިސާދީ އަދި ހަކަތައިގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ. މިހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން 5 ދުވަހު ޗައިނާގައި މަޑުކުރައްވާނެކަމަށް ޖީސީސީގެ އަމީންއާންމު ނާއިފް އަލްހަޖްރަފް ވިދާޅުވިއެވެ.

މިދަތުރުގެ މާބޮޑު ތަފްސީލެއް އަދި އެބޭފުޅުންގެ ދަތުރުފުޅުގެ އެޖެންޑާއެއް ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިންވަނީ ޖީސީސީގެ ޚާރިޖީ ވަޒީރުންގެ މި ދަތުރުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބުނެފައެވެ. އަދި ޗައިނާއާއި ގަލްފުގެ ގައުމުތަކުން ގެންދަނީ ދެ ފަރާތުގެ މަސްލަހަތާ އެންމެ ބޮޑަށް ގުޅުންހުރި ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އެހީތެރިވަމުން ކަމަށާއި ނަތީޖާއެއްގެ ގޮތުން މިގުޅުންތަކުން ފައިދާކުރަނިވި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޖީސީސީގެ އަމީން އާންމު ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވަނީ

ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ އިސްވެރިންގެ ދަތުރުތައް ވަރަށްބޮޑަށް މަދުކުރެވިފައިވާ މިދުވަސްވަރު ޖީސީސީގެ ހަތަރުގައުމެއްގެ ޚާރިޖީ ވަޒީރުން ފަސް ދުވަހުގެ މުއްދަތަށް ޗައިނާއަށް ކުރައްވާ ޒިޔާރަތަކީ ވަރަށް މުހިއްމު ބޭނުންތަކެއްގައި ކުރައްވާ ޒިޔާރަތެކެވެ. މީގެތެރޭގައި ގަލްފުގެ އަރަބި ގައުމުތަކާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ ސަރަހައްދެއް ގާއިމް ކުރުމަށް ނިންމަންޖެހޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމާއި ގަލްފާއި ޗައިނާގެ ވިޔަފާރީގެ ގުޅުންތައް ސްޓްރެޓީޖިކް ލެވެލްއަށް މައްޗަށް ޖެއްސުން ހިމެނެއެވެ.

މިދަތުރުފުޅުގައި ދެއްވި ބަޔާނެއްގައި ސައޫދީ ޚާރިޖީ ވަޒީރު، ފައިސަލް ބިން ފަރްޙާން އާލުސުއޫދު ވަނީ ޗައިނާއާއި ސައޫދީގެ އިގްތިސާދީ ގުޅުންތައް ސްޓްރެޓީޖިކް ލެވެލްއަށް ގެންދާކަމުގެ އިޝާރާތެއް ދެއްވާފައެވެ. ސައޫދީ ޚާރިޖީ ވަޒީރު، ފައިޞަލް ބިން ފަރްހާން އާއި ކުވޭތުގެ ޚާރިޖީ ވަޒީރު އަޙްމަދު ނާސިރު އާލްސަބާހްއާއި އުމާންގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ އާއި ބަހްރައިންގެ ޚާރިޖީ ވަޒީރު ޢަބްދުއްލަތީފް ބިން ރާޝިދު އައްޒައްޔާން ވަނީ އިއްޔެ ބެއިޖިން އަށް ވަޑައިގެން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ އާ ބައްދަލުކުރައްވާފައެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އަމީން އާންމު ނާޔިފް އަލްހަޖްރަފްވެސް އެބޭފުޅުންގެ އަރިހުގައި ބެއިޖިންއަށް ވަޑައިގެން ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވިއެވެ.

ގަލްފުގެ ގައުމުތަކުން އަސްކަރީ ދިފާއީކަންކަމުގައި އެމެރިކާއަށް ބަރޯސާވިނަމަވެސް އިގްތިސާދީ ގުޅުންތައް ބޮޑަށް އުފައްދަމުންގެންދަނީ ޗައިނާއާ އެކުގައެވެ. ގަލްފުގެ ގައުމުތަކުގެ މައިގަނޑު އެކްސްޕޯޓް ކަމަށްވާ ތެލާއި ގޭހުގެ ވިޔަފާރިއަށް ބެލިނަމަވެސް މިތަކެތި އެމެރިކާއަށް ވުރެ ބޮޑަށް އެކްސްޕޯޓްކުރަނީ ޗައިނާއަށެވެ.

އެމެރިކާއަކީ އަމިއްލައަށް ތެޔޮއުފައްދައި އަދި އެކްސްޕޯޓް ކުރާ ގައުމަކަށްވާތީ އެމެރިކާ މިހާރު ގަލްފުގެ ތެލަށް ބަރޯސާވަނީ ގާތްގަނޑަކަށް 20 އިންސައްތައިގެ މިންވަރަކަށެވެ. ގަލްފުގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ގައުމަކީ ޗައިނާއެވެ. އާންމު ވިޔަފާރިއަށް ބަލާއިރު ގަލްފުގެ ގައުމުތަކުގެ ބާޒާރުތަކުގައިވާ ތަކެތީގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ޗައިނާގެ އުފެއްދުންތަކެވެ.

ގަލްފުގެ އާންމު ވިޔަފާރިއަށް ބަލާއިރު ގަލްފުގެ ބާޒާރުތަކުގައި އެމެރިކާގެ ހިއްސާ ނިސްބަތުން ވަރަށް ކުޑައެވެ. އިގްތިސާދީ އިންވެސްޓްމަންޓްތަކަށް ބަލާއިރުވެސް ގަލްފުގެ ގައުމުތަކުގައި ޗައިނާގެ ބިޔަ އިންވެސްޓްމަންޓްތައް އެމެރިކާއަށް ވުރެ ގިނައެވެ.

ހަކަތައިގެ ދާއިރާގައި ގަލްފްގެ އަރަބި ގައުމުތަކުގެ އިތުރުން އީރާނާ އަދި އިރާގާއެކުވެސް ޗައިނާ ގެންދަނީ ވަރަށް ވަރުގަދަ ގުޅުންތަކެއް ގާއިމް ކުރަމުންނެވެ. އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން އަންނަ ހަފްތާގައި ޗައިނާއަށް ވަޑައިގަންނަވާނެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގަންނަވަނީ ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއި އީރާނާ ދެެމެދު ދައްކަމުން ގެންދާ ވާހަކަތައް ކާމިޔާބުވެ އެމެރިިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރުވަމުންދާ ކަމުގެ އަޑުތއް ގަދަވެފައި ވަނިކޮށެވެ.

ދެހާސް ވިހި ވަނަ އަހަރު ޗައިނާއާއި އީރާންވަނީ 25 ބިލިޔަން ޑޮލަރުގެ އިގްތިސާދީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 15 އަހަރު ތެރޭގައި އީރާނުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށްޓަކައި 25 ބިލިޔަން ޑޮލަރު އިންވެސްޓް ކޮށްދިނުމަށް ޗައިނާ ވަނީ އެއްބަސްވެފައެވެ. މިއާއެކު ޗައިނާއަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ 25 އަހަރުވަންދެން ޗައިނާއަށް ވިއްކާނެކަމުގެ ގެރެންޓީ އީރާންވަނީ ދީފައެވެ. އަދި އީރާނުގެ ބޮޑެތި ތެޔޮވަޅުތައް ތަރައްގީ ކުރުމުގެ ފުރުސަތު އީރާނުން ދީފައިވަނީ ޗައިނާގެ ކުންފުނިތަކަށެވެ.