11 Jan 2022, 17:47
މި މަހުގެ މެދުތެރެއިން އާއްމުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ، ވެކްސިން ލިބިފައިވާ ނަމަވެސް ވެކްސިން ޖަހަން ބޭނުންވާ އެހެނިހެން ސާމާނު ލިބޭނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް ވަނީ ވެކްސިން ލިބިފަ. އެއްލައްކަ ޑޯޒް މިހާރު އަޅުގަނޑުމެން އަތުގަ އެބަހުރި،"
ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭން ހަލުވި މިނެއްގައި މި މަހުގެ މެދެއްހާ ހިސާބުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު 80 ޕަސެންޓަށް ވުރެ ގިނަ މީހުން ކޮވިޑްގެ ދެ ޑޯޒް ޖަހާފައިވާކަން ފާހަގަ ކުރައްވައި ޝާހު ވިދާޅުވީ އޭގެ ތެރެއިން ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު ތަންކޮޅެއް މަދު ކަމަށެވެ.
"އެހެންނަމަވެސް މުޅި ރައްޔިތުންނަށް ވާވަރަށް އަޅުގަނޑުމެންނަށް މިހާރު ވެކްސިން ވަނީ ހަމަޖެހިފައި،"
އެއަށްވުރެ ދަށް އުމުރުގެ މީހުންނަށް ވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝާހު ވިދާޅުވިއެވެ.
ކޮވިޑު ވެކްސިންގެ ބޫސްޓާ ޑޯޒުގެ ގޮތުގައި ރާއްޖޭގައި ޖަހާ ފައިޒާގެ 100،620 ވެކްސިން ޑޯޒް ރާއްޖެ ގެނައީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
އެއީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ފައިޒާގެ ވެކްސިން ޑޯޒެވެ.