ކޮވިޑް-10 އަށް ޕޮޒިޓިވްވާ މީހުންގެ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރު ކުރުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރުކޮށް، މިއަދު އިއުލާނު ކުރާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑުން ދިފާއުވާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން، ކަރަންޓީނު ވާންޖެހޭނީ ސާމްޕަލް ނަގާ ދުވަހުން ފެށިގެން 10 ދުވަހަށް ކަމަށެވެ.

ހަމައެއާއެކު، ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް، 14 ދުވަސް ވެފައިވާ މީހުންނަށް ދެ ގޮތެއް އޮންނާނެ ކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރެއިން އެއް ގޮތަކީ، ކޮންޓެކްޓުން 10 ދުވަހަށް ކަރަންޓީން ކުރުމެވެ. ނަމަވެސް 10 ދުވަހަށް ކަރަންޓީން ކުރުމަށްފަހު އެއްވެސް އަލާމާތެއް ނެތް ނަމަ، ޓެސްޓު ކުރުމަކާ ނުލައި އެމީހުން ދޫކޮށްލެވޭނެއެވެ. އަލާމާތެއް ހުރެއްޖެނަމަ ޓެސްޓުކުރަން ވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮންޓެކްޓުންނަށް އޮތް ދެވަނަ ގޮތަކީ، ފަސް ދުވަސް ފަހުން ޓެސްޓު ކޮށް، ނެގެޓިވް ނަތީޖާއެއް ލިބުމުން ކަރަންޓީނުން ދޫކޮށްލުމެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން، މިހާރެކޭވެސް އެއްގޮތަށް 14 ދުވަހު ކަރަންޓީންވާން ޖެހޭނެއެވެ. އަދި އެމީހުންގެ ކަރަންޓީން ނިމޭނީ 14 ދުވަސްވުމުން، ޓެސްޓުހަދައި ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ.

މީގެ ކުރިން ވެސް ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރު ކުރިއެވެ. ނަމަވެސް ފަހުން ކޭސްތައް އިތުރުވުމުން އަނެއްކާވެސް ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް ބަދަލު ކުރީއެވެ.