ފަނަރަ ނަރުހުން ހިމެނޭހެން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވޮލެންޓިއަރުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ހެނދުނު ކުރި އިއުލާނެއްގައި ބުނީ، ވޮލެންޓިއަރުން ހޯދަނީ ހަފްތާއަކު ފަސް ދުވަހު، ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުގެ އިއުލާނުގައިވެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވޮލެންޓިއަރުންގެ ގޮތުގައި ހޯދަމުން ދަނީ 15 ނަރުހުންނާއި ރެޕިޑް ރެސްޕޯންސް ޓީމަށް 10 މީހުން އަދި ދެ ޑްރައިވަރުންނާއި ދެ ވެހިކަލް އެސިސްޓެންޓުންގެ އިތުރުން ޕޭޝަންޓް ކެއާ ފަސް އެޓެންޑެންޓުން އަދި މެއިންޓިނަންސް އެސިސްޓެންޓެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ މީހުން، އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 1:00 ގެ ކުރިން، އެކަމަށް އެދި ސިޓީއަކުން މެއިލް ކުރުމަށް ([email protected]) އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށައަޅާއިރު، ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ، ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން އަދި ވަނަވަރުގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީއެއްގެ އިތުރުން ތިން މަސް ނުވާ ޕޮލިސް ރިޕޯޓެއް ބޭނުންވާ ކަމަށް އެ ހޮސްޕިޓަލުގެ އިއުލާނުގައިވެއެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 132 ގައެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 27 މީހުން އިއްޔެ އެރަށުން އަަލަށް މި ބައްޔަށް ޕޮޒިޓިވްވި އިރު، އެކަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.