09 Mar 2012, 15:11
ދަރިވަރުންގެ ޝަހްސިއްޔަތު ބިނާކުރުމަށް ތައުލީމުގެ ތެރެއިން ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ދަރުމަވަންތަ ސްކޫލްގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުނަށް މަގާމު ހަވާލުކުރުމަށް އިއްޔެ އެ ސުކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާސިމް ވިދާޅުވީ ވަށައި ޖެހިފައިވާ މިދުނިޔޭގެ ކަން ކަމަށް ދަރިވަރުން ތައްޔާރުކޮށް، ދަރިވަރުންނަށް ދުނިޔޭގެ ކަންކަމުގެ ތެރެއިން ރަގަނޅު ކަންތަކާއި ދަރިވަރުން ދުރުހެލިވާން ޖެހޭ ކަންތަކަކީ ކޮބައިކަން ދަރިވަރުންނަށް ވިސްނައިދޭން މުހިއްމު ކަމަށާއި ދަރިވަރުންނާ ނުގުޅޭ ކަންތައްތަކުން ދަރިވަރުން ވީހާ ވެސް ބޮޑަށް ދުރުކުރުމަށް ބަލެނިވެރިންނަށް ގޮވާލެއްވި އެވެ.
އަދި ޘާނަވީ ތައުލީމުގެ މަރްޙަލާއަކީ ދަރިވަރުންނަށް ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމަށާއި އެ ދުވަސްވަރު އެދަރިވަރުންގެ ހުރިހާ އިހްސާސްތަކެއްގައި ބެލެނިވެރިން ބައިވެރިވެ، ދަރިންވަރުންނަށް ނަމޫނާ އަކަށް ވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ރަސްމިއްޔާތުގައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ވަސީލާ ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ އަމާޒަކީ ދަރުމަވަންތަ ސްކޫލުގެ ކޮންމެ ދަރިވަރަކީ ދީނީ ކަންކަމަށް އިޙްތިރާމް ކުރާ އިޖްތިމާއީ މަސައްކަތްތަކަށާއި ގައުމާއި މުޖުތަމައަށް ލޯހުޅުވިފައިވާ ޒިންމާދާރު ދަރިވަރަކަށް ހެދުން ކަމަށެވެ.
ދަރުމަވަންތަ ސުކޫލުން ބުނީ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ސުކޫލުގެ 123 ދަރިވަރަކަށް ސުކޫލުގެ އެކިއެކި މަގާމުތައް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ސުކޫލުގެ ކެޕްޓަންއަކަށް ހޮވިފައި ވަނީ ގްރޭޑް 10- ޖޭގައި ކިޔަވަމުން އަންނަ ހުސެއިން ޒަޔާން ޝާފިއު އެވެ.