ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ.

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ.

ކޮމަންޑޫ ކައުންސިލް މެންބަރު ފާތިމަތު އާދަމް "ސަން"އަށް ވިދާޅުވީ މިއަދު ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ރައްޔިތުންގެ ހިޔާލު ހޯދުން ގޫގުލް ފޯމެއްގެ ޒަރިއްޔާއިން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއަކީ ޒަމާނުއްސުރެ އެ ރަށު ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށެވެ.

"ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށް ވެސް އެނގޭ ކޮމަންޑޫގެ ހާލަތު. މި ރަށުގައި ބިމުގެ ދަތިކަން ވަރަށް ބޮޑު. އެއް ކޮޓަރިއެއްގައި ހަތަރު ފަސް މީހުން ވެސް ނިދަންޖެހޭ ބައެއް ގޭގޭގަ،" ފާތިމަތު އާދަމް ވިދާޅުވިއެވެ.

ފާތިމަތު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ވިރިމަކުގައި އެރަށުން ހިއްކާފައިވާ ބިމުގެ ލޭންޑް ޔޫސް ޕްލޭން ނިމުމުން އެ ބިމުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރެވޭނެކަމަށެވެ. އަދި ކައުންސިލުން ބޭނުންވަނީ މަތިކޮމަންޑޫގައި މީހުން އާބާދުކުރުމަށް އެރަށުން ގޯތި ދޫކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށުގައި ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ލާފައިވާ ތޮށި މިހާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންކަމުން އެ ބިމުން ގޮތި ދެވެން ވެސް ހުރީ އެކަން ރަނގަޅުކޮށްގެން،" ފާތިމަތު އާދަމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ބޯމަތި ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ކުއްލިއަކަށް މި މަޝްރޫއު އިއުލާން ކުރުމުން އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއަކީ ކެމްޕެއިނާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުންޏަސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.