ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ބޫސްޓާ ޑޯޒް ޖެހުމަށް ބޮޑު މުސާރައަށް މުވައްޒަފުން ނަގާކަމަށް ދެކެވޭ ވާހަކަ ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.

ވެކްސިން ކެމްޕެއިންނަށް ތިން ކެޓަގަރީއަކަށް ބަހާލައިގެން ބޮޑު މުސާރަދީގެން މުވައްޒަފުން ނަގާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެ ވާހަކަތަކާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ސަން"އަށް ވިދާޅުވީ ވެކްސިން ކެމްޕޭނަށް މީހުން ނަގަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން އެއިން ކޮންމެ ކެޓަގަރީއަކަށް ވެސް ކަނޑައެޅިފައިވާ މުސާރަކަމަށެވެ.

"މި ކެމްޕޭނަށް އަޅުގަނޑުމެން ނަގަނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ފުލޯމެނޭޖަރުން. ޑޮކްޓަރުން ނަގާނީ ޑޮކްޓަރެއްގެ މުސާރައިގައި. ނަރުހުން ވެސް ނަގާނީ ނަރުހެއްގެ މުސާރައިގައި. އަދި ފުލޯމެނޭޖަރުންނަށް ނަގާނީ ވޮލެންޓިއަރުން. ދުވާލަކަށް 250 ދޭގޮތަށް،" ތަސްލީމާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ވަނީ ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕެއިނަށް ތިން މަގާމަކަށް 56 މީހަކު ހޯދަން އިއުލާންކޮށްފައެވެ. އެގޮތުން ޕްރޮގްރާމް އެސިސްޓެންޓުންގެ ގޮތުގައި 32 މީހަކާއި ވެކްސިނޭޓަރުންގެ ގޮތުގައި ދިހަ ނަރުހުންނާއި، ހަތަރު ފްލޯމެނޭޖަރުންގެ އިތުރުން ހަތަރު ފަޕޯޓް ސްޓާފުން އަދި ހަތަރު މެޑީކަލް އޮފިސަރުންނެވެ.

ތިން މަސްދުވަހަށް ނަގާ މި މުވައްޒަފުންގެ ތެރެއިން ފްލޯ މެނޭޖަރުންނާއި އަދި ސަޕޯޓް ސްޓާފުންގެ ގޮތުގައި ނަގާ ވޮލެންޓިއަރުންނަށް ދޭން ނިންމާފައި ވަނީ މަހަކު 7،500 ރުފިޔާއެވެ. އަދި ވެކްސިން ޖެހުމަށް ނަގާ ނަރުހަކަށް 14،500 ރުފިޔާ ދޭއިރު މެޑިކަލް އޮފިސަރުންނަށް މަހަކު 24،240 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.

ރާއްޖޭގައި ބޫސްޓާ ޑޯޒް ޖެހުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ބޫސްޓާ ޑޯޒް ޖެހުމަށް ރޭވިފައިވާ ކެމްޕެއިން ފެށުމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބުމާ އެކު މި މަހުގެ މެދު ތެރޭ އާއްމުކޮށް ހުޅުވާލައިގެން އެ މަސައްކަތް ފަށާނެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޮވިޑު ވެކްސިންގެ ބޫސްޓާ ޑޯޒުގެ ގޮތުގައި ރާއްޖޭގައި ޖަހާ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ރާއްޖެ ވަނީ ގެނެސްފައެވެ.

އެއީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ފައިޒާގެ ވެކްސިން ޑޯޒެވެ.