09 Mar 2012, 15:00
ހދ. އަތޮޅު ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓްގެ ފާހާނާ ބައިގެ ސީލިންގުގައި ބަޔަކު ރޯކޮށްލައިފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:30 އެހާކަންހާއިރު ކޯޓުގެ ފަހަތުން ބަޔަކު ފާހާނާ އަށް ވަދެ، ކަރާސީނު އަޅައިގެން ކޯޓުގެ ސީލިންގުގައި ރޯކޮށްލައި ސެކިއުރިޓީ އަށް އިން މީހާގެ ގަޔަށް ގާއުކާފައިވާ ކަމަށެވެ.
ނަން ނުޖެހުމަށް އެދި އެރަށު މީހަކު ބުނީ ރޯކޮށްލާފައި ހުރިތަން ފެނުމުން އެވަގުތު އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ މީހާ، މީހުން ގޮވައިގެން ގެނެސް އަލިފާންގަނޑު ނިންވާފައިވާ ކަމަށާއި ރޯކޮށްލި ވަގުތު އަލިފާންގަނޑު ނިންވާލެވުމުން އެހާ ބޮޑެތި ގެއްލުންތަކެއް ކޯޓަށް ވެފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ ރަށަށް ލިބުނު ވަރަށް ބޮޑު 'ބަދުނާމެއް' ކަމަށް އޭނާ ބުންޏެވެ.
"ހާދިސާ ހިނގައިފައި ވަނީ ރޭ ގާތްގަނޑަކަށް ދޭއް، ދެގަޑި ބައި އެހާ އިރު ކަމަށް އޭނާ، [ސެކިއުރިޓީ މީހާ] ބުނީ. އޭނާ ބުނި ގޮތުގައި އޭނާ އަށް ކަރާސީނު ވަސް ދުވައިގެން ދިޔަ އިރު ކޯޓުގެ ފާހާނާގައި ރޯވެފައި ހުރީ. ދެން އަލިފާންގަނޑު ނިންވަން ކައިރީ [ގޭގެ] މީހުންނަށް ގޮވި ކަމަށް. އަދި އެކަން ކުރި ބަޔަކު ހޯދަން ކޯޓުގެ ފަހަތަށް ދިއުމުން އެތާގައި އޮންނަ ވާގަނޑެއްގެ ފަހަތުގައި ތިބިގެން ބަޔަކު ގާ އުކާފާ ވާކަމަށް އޭނާ ބުނި. އެކަމަކު އޭނާ އަކަށް އެއްވެސް ގެއްލުމެއް ނުލިބޭ،" އެވަގުތު ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ މީހާއާ ހަވާލީ އޭނާ ބުންޏެވެ.
ނޮޅިވަރަމް ކައުންސިލުން ބުނީ ކޯޓުގައި ބަޔަކު ރޭ ރޯކޮށްލާފައިވާ ކަމަށާއި އަދި އެކަން ކުރިކަމަށް ޝައްކުކުރެވެނީ ކޯޓަށް ލާފައި ހުރި މައްސަލަތައް ދިގުލައިގެން ދާތީ ކަމަށެވެ. އަދި ރަށުގައި ވަރަށް ގިނަ މައްސަލަތަކެއް ގާޒީއެއް ނެތިގެން ނުބެލިފައި ހުރި ކަމަށް ވެސް ކައުންސިލުން ފާހަގަކުރި އެވެ.
"ވަރަށް ބޮޑަށް ޝައްކު ކޯޓަށް ލާފައި ހުރި މައްސަލައަކާ ގުޅިގެން އެކަން ދިގުލައިގެން ދާތީ ބަޔަކު ހިތްހަމަ ނުޖެހިގެން ކުރި ކަމަކަށް. ހާއްސަކޮށް ގޯތީގެ މައްސަލަ. އެކަކު ވެސް ބޭނުމެއް ނުވާނެ އެކަހަލަ ކަންތައްތައް ލަސްވާކަށް. ކޯޓުގެ ގާޒީއެއް ވެސް ނެތި މިހާރު ހަތަރު ފަސް މަސް ވެދާނެ. މީގެ ކުރިން ވަނީ ކޯޓުގެ މައްސަލަތައް މިހެން ދިގުދެމިގެން ދާތީ ރައްޔިތުން ނުކުމެ ގާޒީ ވެސް ހިފަހައްޓާފައި،" ކައުންސިލުން ވާހަކަ ދެއްކި ފަރާތަކުން ވިދާޅުވި އެވެ.
ރަށުން ގޯތި ދޫކުރުން ލަސްވަމުން އަންނާތީ ނޮޅިވަރަމް ރައްޔިތުން ވަނީ މީގެ ކުރިން ވެސް އެ ރަށު ކައުންސިލް ދޮށަށް އެއްވެ އަޑުއުފުލައިފަ އެވެ.