ޕީސީއާރު ޓެސްޓު ހަދަން ކިޔު ހަދާ މީހުންގެ އަދަދު އިތުރުވެ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރިން ހިންގަމުން އައި އެފްއޭއެމް ހައުސްގައި އިތުރު ސާމްޕަލް ސެންޓަރެއް ހުޅުވައިފިއެވެ.

ކޮވިޑް ސާމްޕަލް ސެންޓަރުތަކުގައި ކިޔު ދިގުވެފައިވަނީ 72 ގަޑިއިރުގެ ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާދަމާއިން ފެށިގެން މާލެއިން ރަށްރަށަށް ނުދެވޭގޮތަށް ނިންމުމާ ގުޅިގެންނެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް ސެންޓަރު ސާމްޕަލް ސެންޓަރު ކައިރީގައި ކިޔު ދަމައިލައިފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެފްއޭއެމް ހައުސްގައި ހިންގަމުން އައި ފްލޫ ކްލިނިކުން ވެސް މިހާރު ޕީސީއާރް ޓެސްޓު ހެދޭނެ ކަމަށެވެ. މި ސެންޓަރު ވަނީ މިއަދު މެންދުރުފަހު 02:00 ގައި ހުޅުވައިފައެވެ. ކޮންމެ ދުވަހަކު ވެސް އިރުއޮއްސި ހަޔަކާ ހަމައަށް މި ސެންޓަރުން ސާމްޕަލް ނެގޭނެއެވެ.

މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ހިންގަމުން އައި ސާމްޕަލް ސެންޓަރު ވަނީ ތާޖުއްދީން ސުކޫލަށް ބަދަލުކޮށްފައެވެ.

އެފްއޭއެމް ބިލްޑިންއާއި ތާޖުއްދީން ސުކޫލުގެ އިތުރުން ސެނަހިޔާ އާއި ވިލިމާލެ ހޮސްޕިޓަލުން ވެސް ޕީސީއާރު ޓެސްޓު ހެދުމަށް ސާމްޕަލް ނެގޭނެއެވެ.