ރަށުން ބޭރުގައި ޗުއްޓީގައި ތިބި، ސުކޫލު ދަރިވަރުންނާއި ޓީޗަރުން ވީ އެންމެ އަވަހަކަށް އެނބުރި ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ޓެސްޓް ކުރެވޭ ސާމްޕަލްތަކުގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް ވުރެ އިތުރުވެފައިވާތީ، ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާތާ 14 ދުވަސް ވެފައިވާނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރުނުވާ ޕީސީއާރް ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ރޭ ވަނީ އަންގައިފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުކޫލުތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދު ވެސް އެންމެ އިސްކަންދޭ ކަން ކަމަށެވެ.

އެހެންކަމުން ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސުކޫލަށް ހާޒިރުވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭގެ ނިންމުމާ ގުޅިގެން، މިވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކުރައްވާ ވީ އެންމެ އަވަހަކަށް ރަށަށް ދިއުމަށް އެޑިއުކޭޝަނުން ވަނީ ދަރިވަރުންނާއި ޓީޗަރުންގެ ކިބައިން އެދިފައެވެ.

ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާލެއިން ރަށްރަށަށް ނުދެވޭގޮތަށް ނިންމުމުން ސާމްޕަލް ނެގުމަށްޓަކައި ގިނަ ބަޔަކު ވަނީ ކިޔޫ ދަމައިލައިފައެވެ. އެއާއެކު ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނަށް ކުރިއަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭއިން ވަނީ ބަދަލު ގެނެސްފައެވެ.

ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ރަށްރަަށަށް ގޮސް ނަތީޖާ ލިބެންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނުވަތަ ރަށަށް ދަތުރުކޮށް ރަށުން ސާމްޕަލް ނަގާ ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ވެސް ހުރެވޭނެއެވެ.