10 Jan 2022, 14:09
ވޮޝިންޓަން (10 ޖަނަވަރީ 2022): އީރާނުގެ އިސް ޖެނެރަލެއްކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާދިން ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވި އެމެރިކާގެ 51 މީހަކާ ދެކޮޅަށް އީރާނުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެމީހުންގެ ފައިސާއާއި މުދާ ފްރީޒް ކުރުމާއި އެމީހުން އީރާނަށް ވަނުންމަނާކުރުމާއި އެމީހުންނާއި އެމީހުންގެ ކުންފުނިތަކަށް އީރާނާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުން މަނާކުރުންފަދަ ކަންކަމެވެ.
މި 51 މީހުންނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާ ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވާ ބައެއްކަމަށްވެސް އީރާނުންވަނީ ތުހުމަތުކޮށްފައެވެ. އަދި މި 51 މީހުންގެ މައްޗަށް ޝަރީއަތް ހިންގުމުގެ ކަންތައް އީރާނުގެ ޝަރުއީ ދާއިރާއިން ގެންދަނީ ކުރަމުންނެވެ.

ގާސިމް ސުލައިމާނީ
ޓެރަރިޒަމްގެ ތުހުމަތުގައި އީރާނުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އެމެރިކާގެ 51 މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އެމެރިކާ ސިފައިންގެ އިސް ޖެނެރަލެއްކަމަށްވާ މާކް މައިލީއާއި އެމެރިކާގެ ކުރީގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއާމަން ރޮބަޓް އޯބްރަޔަން ހިމެނިވަޑައިގަންނަވައެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަދުވަހު ގާސިމް ސުލައިމާނީ އިރާގަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭނާ އަވަހާރަކޮށްލުމަށް ރޭވީ ޓްރަމްޕާއި މައިކްޕޮމްޕެއޯ މާކް މައިލީ އަދި ރޮބަޓް އޯބްރަޔަން ވައިޓް ހައުސް ގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކެއްގައި ކަމަށާ އެޖަރީމާ ހިންގުމުގެ އަމުރު ދެއްވީ އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް އީރާނުން ބުނެފައިވެއެވެ.

ޓްރަމްޕް އަދި ޕޮމްޕެއޯ
ގާސިމް ސުލައިމާނީ އަވަހާރަކޮށްލަން އެމެރިކާ ދިން ޓެރަރިސްޓް ހަމަލާތަކުގައި އިރާގުގެ ސިފައިންނާ ގުޅިފައިވާ އަސްކަރީ ޖަމާއަތެއް ކަމަށްވާ އަލްޙަޝްދުއްޝައަބީގެ ކޮމާންޑަރު ޖެނެރަލް އަބޫ މަހްދީ އަލްމުހަންދިސް ވެސް އަވަހާރަކޮށްލިއެވެ. ސްޓޭޓް ޓެރަރިޒަމްގެ މިއަމަލު އެމެރިކާ ހިންގާފައިވަނީ އިރާގު ސަރުކާރުގެ ހުއްދައަކާނުލައި ކަމުން އިރާގު ސަރުކާރުންވަނީ މިއީ އިރާގުގެ މިނިވަންކަމާއި ސިޔާދަތަށް އެމެރިކާ އަރައިގަތުންކަމަށް ސިފަކޮށް އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި އިރާގުގެ ޕާލަމެންޓުން ފަހުންވަނީ އިރާގުން އެމެރިކާ ސިފައިން ބޭލުމަށް ގޮވާލާ ގަރާރެއްވެސް ފާސްކޮށްފައެވެ.

އިރާގުގައިވާ އެމެރިކާގެ އަސްކަރީ ބޭސް (އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކަށްފަހު)
މިގަރާރާއެއްގޮތަށް މިދިޔަ ޑިސެމްބަރުމަހު އެމެރިކާގެ ސިފައިން އިރާގުންވަނީ ފައިބައިގެންގޮސްފައެވެ. މިހާރު އިރާގުގައި ތިބީ އިރާގު ސަރުކާރަށް އަސްކަރީ ކަންކަމުގައި ލަފަދޭ 300 އަށްވުރެ މަދު އަސްކަރީ މުސްތަޝާރުންކަމަށް އިރާގުން ދާދިފަހުން ބުނެފައިވެއެވެ.
ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން އީރާނުންވަނީ އިރާގުގައި އެމެރިކާ ސިފައިން އެދުވަސްވަރު މަރުކަޒުކޮށްގެންތިބި އަސްކަރީ ތިން މަރުކަޒަކަށް ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލުން ހަމަލާތަކެއް ދީފައެވެ. މީގެއިތުރުން އިރާގުގެ އަސްކަރީ ޖަމާއަތްތަކުންވަނީ އަބޫމަހްދީ މުހަންދިސް ގެ މަރަށް ބަދަލުހިފުމުގެ ގޮތުން އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާ އަދި ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީއަށް ރޮކެޓުން އެތަށް ހަމަލާތަކެއް ދީފައެވެ.
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 80 މީހަކަށް އެކިވަރުގެ އަނިޔަތައް ލިބުނުކަމަށް އެމެރިކާ އެއްބަސްވެފައިވެއެވެ. ނަމަވެސް އެހަމަލަތަކަކީ ހަމައެކަނި ރަމްޒީ ހަމަލާތަކެއްކަމަށާ ސުލައިމާނީގެ މަރަށް ބަދަލުހިފާނީ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބާރުތައް އެސަރަހައްދުން ބޭރުކޮށްލައިގެންކަމަށް އީރާނުން ބުނެފައިވެއެވެ.