ފާނަ މަސްވެރިކަން ކުރަން އުޅުނު އަލަމާ-05 ނަމަކަށްކިޔާ ދޯނި އަޑިއަށް ގޮސް، އޭގެ ކެޕްޓަން ގެއްލިފައިވާއިރު އޭނާ ހޯދަން ކުރިއަށް ގެންދިޔަ އޮޕްރޭޝަން ހަތް ދުވަހަށްފަހު ހުއްޓާލައިފިއެވެ.

ފ. ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ދޯނިން ދަތުރުކުރި މީހުން ގެއްލުނީ ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސްގެނެވެ.

ދޯނީން ދަތުރުކުރި ދެ ބިދޭސީން ފެނިފައިވާއިރު މިހާރު ނުފެނި ވަނީ އެ ދޯނީގެ ކެޕްޓަނެވެ. އެއީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް,32, އެވެ.

ކެޕްޓަން ހޯދުމަށް ކަނޑާއި ވައިގެ މަގުންް 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. .

މި ހާދިސާގައި މީހުން ހޯދުމަށް ދޯނީގެ ވެރިފަރާތުގެ އިތުރުން މި ސަރަހައްދުގެ ރަށު ކައުންސިލް އިދާރާތަކާއި، ރިސޯޓްްތަކާއި، ފުލުހުން އަދި ރާއްޖޭގެ ފުލައިޓް އޮޕަރޭޓްކުރާ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަލަމާ-05 ދޯނީގެ ކެޕްޓަން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ޒަމާނީ ވަސީލަތްތައް ވަނީ ބޭނުން ކޮށްފައެވެ.

ކޯސްޓްގާޑާއި އާންމު ފަރާތްތަކާ ގުޅިގެން ހޯދަމުން ދިޔަ ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކޯސްޓްގާޑުން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޭނާ ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން އެކްޓިވް ސާޗް ވަނީ ސާފޭސް ސާޗަކަށް ބަދަލުކޮށްފައެވެ. އެއީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކާއި ވައިގެ މަގުން ދަތުރުކުރާ ބޯޓު ފަހަރުތަކުން ބެލުމެވެ. އަދި ސަލާމަތީ ހިދުމަތްތަކުގެ ޕެޓްރޯލް އުޅަނދުތަކުން ވެސް މީހާގެ ނިޝާނެއް ފެނޭތޯ ބަލާނެއެވެ.