10 Jan 2022, 10:35
އިތުރު ތަނަކުން ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސަން މަޝްވަރާ ކުރަމުން ދާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިއަދުން ފެށިގެން މާލެއިން ދަތުރުކުރާ އެންމެން 72 ގަޑިއިރުގެ ޕީސީއާރް ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭ ގޮތަށް އެޗްޕީއޭއިން ހަމަޖެއްސީ އިއްޔެއެވެ.
މިވަގުތު ހިލޭ ޕީސީއާރު ޓެސްޓު ހަދައިދެނީ ސޯޝަލް ސެންޓަރުންނެވެ. އެހެންކަމުން އިއްޔެގެ އިއުލާނާއެކު ސޯޝަލް ސެންޓަރުގައި ރޭ ވަނީ ބޮޑު ކިޔޫއެއް ދަމާލާފައެވެ. އަގަށް ޕީސީއާރް ހަދައިދޭ ކްލިނިކްތަކަށް ވެސް ރޭ ބާރުބޮޑުވެ، ޓެސްޓު ހަދަން ކްލިނިކްތައް ދޮށަށް ގިނަ އަދަދެއްގެ މީހުން ވަނީ އެއްވެފައެވެ.
އެކަމާ ގުޅިގެން އިއްޔެ އެޗްޕީއޭއިން "ސަން" އަށް ބުނީ، ހިލޭ ޕީސީއާރު ޓެސްޓް ހަދައިދޭ އިތުރު ތަނެއް ހުޅުވާނީ ރެޔާއި މިރޭ ސޯޝަލް ސެންޓަރަށް ބާރުބޮޑުވާ ނަމަ ކަމަށެވެ.
ރޭ ސޯޝަލް ސެންޓަރަށް ބާރު ބޮޑުވުމާ ގުޅިގެން މިއަދު "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ޕީސީއާރު ހެދޭނެ އިތުރު ތަނެއް ހަމަޖައްސަން މަޝްވަރާ ކުރަމުން ދާކަމަށެވެ. އެފަދަ ތަނެއް ހަމަޖެހިއްޖެ ނަމަ އެކަން އިއުލާނު ކުރާނެކަން ފާހަގަ ކުރަމުން އެޗްޕީއޭއިން ބުނީ، އެތަނަކުން ވެސް ހިލޭ ޕީސީއާރު ހެދޭނެ ކަމަށެވެ.
މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ޓެސްޓް ކުރެވޭ ސާމްޕަލްތަކުގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް އިތުރުވެފައިވާތީ، ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާތާ 14 ދުވަސް ވެފައިވާނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރުނުވާ ޕީސީއާރު ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭނެ ކަމަށް އިއްޔެ އެޗްޕީއޭއިން ކުރި އިއުލާނުގައިވެއެވެ.
ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިނުވާނަމަ، 14 ދުވަހަށް ކަރަންޓީނުވާންޖެހެއެވެ. އަދި ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ޕީސީއާރް ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ އިތުރަށް ކަރަންޓީނުގައި ހުންނަންޖެހޭނެއެވެ.
ނަމަވެސް ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނަސް، ކުރިއަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރެވޭ ގޮތް އެޗްޕީއޭއިން ވަނީ ހަމަޖައްސައިފައެވެ.