ތިން އަހަރަށްފަހު ސައުދީ އަމީރާ ބަސްމާ ބިންތި ސައުދު ޖަލުން މިނިވަންވެއްޖެއެވެ.

އަމީރާ ބަސްމާ އާއި އޭނަގެ ދަރިކަނބަލުން އަމީރާ ސުހޫދު ޖަލުގައި ހައްޔަރުކުރި ސަބަބެއް ސައުދީ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ބައެއް މީހުން ލަފާކުރާ ގޮތުގައި އަމީރާ ބަސްމާ ހައްޔަރުކުރީ ސައުދީގައި އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރި ކުރުމަށާއި، އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާތީއެވެ. އަނެއްބައި މީހުން ލަފާކުރާ ގޮތުގައި އޭނާ ހައްޔަރު ކުރީ ސައޫދީގެ ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާޔިފް އާ އޮންނަ ގުޅުމެއްގެ ސަބަބުންނެވެ.

އަމީރާ ބަސްމާ ވަނީ މީގެ ކުރިން ސައުދީ ރަސްގެފާނަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި ބަސްމާ ވަނީ އޭނާ މިނިވަންކޮށްދެއްވުން އެދި ސައުދީ ރަސްގެފާނަށް އާދޭސް ދަންނަވާފައެވެ.

އަމީރާ ބަސްމާ އަކީ ސައުދީގައި ރަސްކަން ކުރެއްވި ސައޫދު ބިން އަބްދުލްއަޒީޒްގެ އެންމެ ހަގު ދަރިކަނބަލުންނެވެ. ސައޫދު ބިން އަބްދުލްއަޒީޒް އެ ގައުމުގައި ރަސްކަން ކުރައްވާފައިވަނީ 1953 އިން 1964 އަށެވެ.