މާލެ އިން ފުރައިގެން ފ. އަތޮޅު ފިލިތެލަށް ދަތުކުރި ތްރީއޭ ކޮމްޕެނީގެ ދޯންޏެއް ރޭ ދަންވަރު ކ. އަތޮޅު މާދިއްގަރު ހުޅުނގު ފަރާތު ފަރުމައްޗަށް އަރައި ދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސް ފެތިއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

"ތްރީއޭ 28" ނަމަކަށް ކިޔާ އެ ދޯނި ފަރަށް އަރަންދިމާވީ ކީއްވެގެން ކަން ވަނީ ސާފެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނި ފަރަށް އެރިކަން އެނގުނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:10 އެހާކަންހާ އިރު ކަމަށާއި އެ ހާދިސާ ހިނގި އިރު ދޯނީގައި ހަތް ފިރިހެނުންނާއި ފަސް އަންހެނުންނާއި ތިން ކުޑަކުދިންނާއި އެކު ޖުމުލަ 15 މީހުން ތިބި ކަމަށާއި އެންމެން ވެސް މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނާއި ދޯނީގެ ވެރިފަރާތް ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ދޯނި ފުންނުކުރެވޭ ކަމަށެވެ. މިއަދު މެންދުރު ފަހު، ދިޔަވަރު ބޮޑުވި ވަގުތު ގަލެއްގައި ޖެހި ދޯނީގެ ބަނޑުފިލާ ފޫގޮސްފައިވާ ކަމަށާއި އަދި ދޯނި އަޑިއަށް ދިއުމުގެ ސަބަބުން ދޯނީގައި ހުރި ބައެއް މުދާތައް އޮޔާދަމުންދާ ކަމަށް ވެސް ބުންޏެވެ.

އެސަރަހައްދުގައި އެ ދޯންޏަށް އެހީވުމަށް ޓަކައި ތްރީއޭ ކޮމްޕެނީގެ އެހެން ދޯންޏެއް ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.