10 Jan 2022, 09:53
ފިލިޕީންސްގައި، ވެކްސިން ނުޖަހާ ތިބި މީހުން ހައްޔަރުކުރަން އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އަމުރުކުރައްވައިފިއެވެ.
ޑުޓާޓޭ މިފަދައިން އަމުކުރައްވާފައިވަނީ އެ ގައުމުގެ ޕޮޒިޓިވިޓީ ރޭޓް 40 ޕަސެންޓަށް ވުރެ މައްޗަށް ދިއުމުގެ ސަބަބުންނެވެ.
ޑުޓާޓޭ ވިދާޅުވީ، މިކަމަކީ ގައުމީ ނުރައްކަލަކަށް ވުމާއެކު، މީހުން ހައްޔަރުކުރުމުގެ ފުރިހަމަ އިޚުތިޔާރު އޭނައަށް ލިބިގެންވާ ކަމަށެވެ. އޭނާ ވަނީ، ވެކްސިން ނުޖަހާ މީހުން ހައްޔަރަށް ގެނައުމަށް ސަހަރުތަކުގެ އިސްވެރިންނަށް އަމުރުކުރައްވާފައެވެ.
ވެކްސިން ނުޖަހާ ތިބި މީހުންގެ ތެރެއިންވެސް ހައްޔަރަށް ގެންނާނީ ކޮވިޑުގެ އުސޫލުތަކާ ޚިލާފަށް އުޅޭ މީހުންކަން އޭނާ ވަނީ ފާހަަގަކުރައްވައިފައެވެ.
ވެކްސިން ޖެހުން ފިލިޕިންސްގައި މަޖުބޫރެއް ނޫނެވެ. ނަމަވެސް އެ ގައުމުގެ އާބާދީގެ 50 ޕަސެންޓަށްވުރެ ގިނަ މީހުން އަދި ވެކްސިން ޖަހާފައި ނުވެއެވެ.
މިދިޔަ އަހަރު ޑެލްޓާ ވޭރިއަންޓް ފެތުރުމުގެ ސަބަބުންވެސް ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ޑުޓާޓޭ ވިދާޅުވިއެވެ. އަދި މި އަހަރު އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން އެ ގައުމުގެ ޕޮޒިޓިވިޓީ ރޭޓް 40 ޕަސެންޓަށް ވުރެ މައްޗަށް ދިއުމާއެކު، ވެކްސިން ނުޖަހާ މީހުންނަށް ޒަރޫރީ ބޭނުންތަކަށް މެނުވީ ގެއިން ބޭރަށް ނުދެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް ފިލިޕިންސުން ކޮވިޑުގެ 26000 އަށްވުރެ ގިނަ ކޭސްތައް ފެނިފައިވާއިރު، 265 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.