09 Jan 2022, 23:58
ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނަށް ކުރިއަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރެވޭގޮތް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން މިގޮތަށް ހަމަޖެއްސީ 72 ގަޑިއިރުގެ ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާދަމާއިން ފެށިގެން މާލެއިން ރަށްރަށަށް ނުދެވޭގޮތަށް ނިންމުމުން ސާމްޕަލް ނެގުމަށްޓަކައި ގިނަ ބަޔަކު ސޯޝަލް ސެންޓަރު ކައިރީ ކިޔޫ ހެދުމުންނެވެ.
ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ރަށްރަަށަށް ގޮސް ނަތީޖާ ލިބެންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާދަމާއިން ފެށިގެން މާލެއިން ދަތުރުކުރާ އެންމެން 72 ގަޑިއިރުގެ ޕީސީއާރް ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭގޮތަށް އެޗްޕީއޭއިން ހަމަޖެއްސީ މިއަދުއެވެ.
އެޗްޕީއޭގެ އެ އެންގުމާއެކު ސޯޝަލް ސެންޓަރު ކައިރީގައިއާއި ސެނަހިޔާ ކައިރީގައި ގިނަ ބަޔަކު ވަނީ ޕީސީއާރު ޓެސްޓު ހަދަން ކިޔޫ ދަމައިލައިފައެވެ.
އެ އުސޫލުގައި ވާ ގޮތުން، ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިނުވާނަމަ، 14 ދުވަހަށް ކަރަންޓީނުވާންޖެހެއެވެ. އަދި ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ޕީސީއާރް ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ އިތުރަށް ކަރަންޓީނުގައި ހުންނަންޖެހޭނެއެވެ.
ދުނިޔޭގައި ހަލުވިމާއެކު ފެތުރެމުންދާ ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.