09 Jan 2022, 22:12
ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބިޑާއި ޕްރޮޕޯސަލް ހުށަހަޅަން ޚާއްސަ ޕޯޓަލެއް އާއްމުކޮށްފިއެވެ.
އެ ޕޯޓަލް އިފްތިތާހް ކޮށްދެއްވާފައި
ވަނީ އެ ކަމަށް ބޭއްވި ޚާއްސަ ރަމިއްޔާތެއްގައި އެޗްޑީސީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމެވެ.
އެޗްޑީސީން ބުނީ އެ ޕޯޓަލްގެ މަގުސަދަކީ، ބިޑަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަވާނޭ ގޮތަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ކުރިއަށް ގެންދިއުމާއި ކަރުދާސް ބޭނުން ކުރާ މިންވަރު މަދުކުރުން ކަމަށެވެ.
މިއީ ބިޑް އަދި ޕްރޮޕޯސަލް އޮންލައިންކޮށް އެއް ޕޯޓަލްއެއް މެދުވެރިކޮށް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލެވޭ އެންމެ ފުރަތަމަ އޮންލައިން ޕޯޓަލެވެ.
އެޗްޑީސީން ބުނީ އޮންލައިންކޮށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ވަގުތު ސަލާމަތްވެ ފަސޭހަކަމާއެކީ މިކަން ކުރުމަށް މަގުފަހިވާނެ ކަމަށެވެ.
މީގެ އިތުރުން، މި ޕޯޓަލް މެދުވެރިކޮށް ބިޑްތަކުގެ ސްޓޭޓަސް ބަލާލެވުމުގެ އިތުރުން ޕްރޮޕޯސަލްތަކަށް ހުށަހަޅާފައިވާ ފަރާތްތަކަކީ މި ކަމަށް ގާބިލު ފަރާތެއްކަން ވެސް ޔަގީންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން އިތުރަށް ބުނީ، އެ ކުންފުނިން ހުޅުވާލާ އާރްއެފްޕީތަކާއި ބިޑްތަކަށް ޕްރޮޕޯނަންޓްސް އާއި ވެންޑާސްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ޕްރޮޕޯސަލް އަދި ބިޑް ހުށަހެޅޭނެކަމަށެވެ.
މި ޕޯޓަލް ބޭނުންކުރުމަށް އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. އަދި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުންވެސް ބިޑްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް މި ޕޯޓަލް ބޭނުންކުރެވިދާނެއެވެ.
ބިޑް އަދި ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލްގެ ޚިދުމަތް ލިބިލައްވާނީ މި ކޯޕަރޭޝަންގެ މައިހުޅުމާލެ ޕޯޓަލް
މެދުވެރިކޮށެވެ.