އިރުގައި އިއްޔެ ހިނގި ކަމަށް ބެލެވޭ ޖިއޯމެގްނެޓިކް ތޫފާނެއްގެ އަސަރު ކުރިޔަށް އޮތް މަދު ދުވަސްތަކުގައި ބިމަށް ކޮށްފާނެ ކަމަށާއި ނަމަވެސް މިފަދަ އަސަރެއް މިހާތަނަށް ކޮށްފައިވާކަން އެނގިފައިނުވާ ކަމަށް އިނގިރޭސިވިލާތުގެ ރޮޔަލް އެސްޓްރޯމިކަލް ސޮސައިޓީން ބުނެފި އެވެ.

އެސޮސައިޓީގެ ބައެއް ސައެންސްވެރިންނާ ޙަވާލާދީ ލަންޑަންގައި ނުކުންނަ ދުވަހު ނޫހެއް ކަމަށްވާ ޑެއިލީ ޓެލެގްރާފް ބުނިގޮތުގައި އިރުގައި އިއްޔެ ހިނގާނެ ކަމަށް ބެލެވިފައިވާ ސޯލާ ސްޓޯމެއްގެ އަސަރު ބިމަށް އެކިސިފަސިފާގައި ކޮށްފާނެ އެވެ. މިކަމުގެ އަސަރު ބިމަށްކޮށްފި ނަމަ އެކަމުގެ ޢަލާމާތްތައް ކަރަންޓް ނެޓްވާކްތަކުންނާއި ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމްތައް ފަދަ ވިއުގަތަކުންނާއި އިލެކްޓްރޯމެގްނެޓިކް ވޭވްތަކުން ފެނުންވަރަށް ގާތްކަމަށް ރޮޔަލް އެސްޓްރޯމިކަލް ސޮސައިޓީއާ ޙަވާލާދީ އެނޫސް ބުނެ އެވެ.

ދުނިޔޭގެ އެތައް ޤައުމެއްގެ ސައެންސްވެރިން މިކަން މިހާރު ދިރާސާކުރަމުން ގެންދާ އިރު އިރުގައި ހިނގި ކަމަށް ބެލެވޭ ސޯލާ ސްޓޯމްގެ އަސަރު ބިމަށް ކުރި މިންވަރު ބެލުމަށް އެމީހުން ޓެސްޓްތައް ވެސް ހަދަމުން ގެންދާ ކަމަށް ވެސް ރޮޔަލް އެސްޓްރޯމިކަލް ސޮސައިޓީގެ ސައެންވެރިއެއް ކަމަށްވާ ރޮބަޓް މެސީ ވިދާޅުވި އެވެ.

އިރުގައި އިއްޔެ ހިނގި ސޯލާ ސްޓޯމުން ނުކުތް "ޗާޗްޑް ޕާޓިކްލްސް"ގައި އެކުލެވޭ ޖިއޯމެގްނެޓިވް ވޭވްތަކެއް (ހޫނުގަނޑެއް) ގަޑިއަކު 6 ހާސް ކިލޯމީޓަރު ބާރުމިނުގައި ބިމާދިމާ އަށް ދަތުރުކުރަމުން ދާކަމަށް ސައެންސްވެރިން ބުނެފައިވެ އެވެ.

މިޕާޓިކްލްސްތަކުގެ ސަބަބުން ކަރަންޓް ކެނޑިގެން ދިޔުމާއި އިލެކްޓްރޯމެގްނެޓިކް ވޭވްތަކާއި ވައިލެސް ނެޓްވާރކްތަކާއި ރޭޑިއޭޝަން ނެޓްވާކްތައް ޖޭމްވުން ފަދަ ކަންކަން ހިނގުމުގެ ފުރްސަތު އެބައޮތްކަމުގެ އިންޒާރު ސައެންސްވެރިން ވަނީ ދީފަ އެވެ.

އަދި އިރުގައި ހިނގިކަމަށް ބެލެވޭ ޖިއޯމެގްނެޓިކް މިތޫފާންގެ ސަބަބުން ސެޓަލައިޓްގެ ގުޅުންތަކާއި ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް (ޖީ.ޕީ.އެސް)ގެ ވިއުގަތަކުން ފޯރުކޮށްދޭ މައްލޫމާތުގެ ނިޒާމަށް ވެސް ހުއްޓުމެއް އައިސްފާނެ ކަމަށް ސައެންސްވެރިން ބުނެފައިވެ އެވެ. -- ޑެއިލީ ޓެލެގްރާފް