10:00


ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު މުސްތޮފާ އާއި ޕީއޭގެ ނައިބު ލީޑަރު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ފުލުހުން ހައްޔަރުކޮށް، ދޫނިދޫ އަށް ގެންގޮސްފި އެވެ. މިއީ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ މެމްބަރަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.


މި ދެ ބޭފުޅުން ހައްޔަރުކުރީ އެ ދެ ބޭފުޅުންގެ މަސްލަހަތު އޮތް މައްސަލައެއް ހިނގަމުން ދަނިކޮށް، މަދަނީ ކޯޓުގެ ގާޒީއަކަށް ހަ ހާސް ޑޮލަރާއި އިންޑިއާގެ ދެކޮޅު ޓިކެޓު ދެއްވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ރިޝްވަތު ދެއްވީ މިތަނުން ކޮން ބޭފުޅެއް ކަމެއް އަދި އެއީ ކޮން ގާޒީއަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.


ނާޒިމާއި މުސްތޮފާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 12 ޖެހުމުގެ ކުރިން ޖިނާއީ ކޯޓަށް ހާޒިރުކުރާ ގޮތަށެވެ. ނާޒިމްގެ ގެއަށް ސިފައިންނާއި ފުލުހުން ރޭ ދަންވަރު ފުރަތަމަ ވަދެގެންފައި ވަނީ އެ ގޭ ދޮރުގައި ޖަހައި ފަޅާލުމަށްފަހު އެވެ. ނަމަވެސް އެއީ ނާޒިމް ދިރިއުޅުއްވާ ބައި ނޫންކަން އެނގުމުން، ފަހުން އެ ބަޔަށް ވަދެފައި ވަނީ މަގުމަތީ ފާރުމަތިން އަރައިގެންނެވެ.


މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މުސްތޮފާއި ނާޒިމްވެސް ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މުސްތޮފާ ވަނީ ނިޒާމީ މައްސަލަ ނަންގަވައިގެން ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ދޫނިދޫއަށް ގެންގޮސް، ޔާމީން އާ ރަށުގައި ބަހައްޓާފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކަވާފަ އެވެ.