ދެވަނަ ޓާމަށް ސްކޫލުތައް ހުޅުވާއިރު ކޮވިޑު-19އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން ސުކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއިކުރައްވައި ހުރިހާ ސްކޫލްތަކާއި އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ކިޔަވައިދޭ ތަންތަނަށް ވަނީ ސާކިއުލާއެއް ފޮނުވާފައެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލު މުވައްޒަފުން ރާއްޖެ އަންނަތާ ތިނެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެކަމަށާއި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސުކޫލަށް ހާޒިރުވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެ މީހަކު ވެސް އެރަށަށް އަންނަތާ ތިނެއް ނުވަތަ ހަތަރު ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ލިބިގެެން ނޫނީ ސުކޫލަށް ހާޒިރެއް ނުވެވޭނެއެވެ.

ސްކޫލުތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުން އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ސްކޫލުގައި ހަމަޖައްސާފައި ހުންނަން ޖެހޭނެކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ. އަދި މި ދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ސްކޫލުގެ ތެރޭގައި ގުރޫޕް ހަދައިގެން ކައިބޮއި ނުހެދުމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ފަހަކަށް އައިސް މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކު ވެސް 100އަށްވުރެ ގިނަ މީހުން މާލެއިން މިފަހަކަށް އައިސް ޕޮޒިޓިވްވެއެވެ.