09 Jan 2022, 18:04
މާދަމާއިން ފެށިގެން މާލެއިން ދަތުރުކުރާ އެންމެން 72 ގަޑިއިރުގެ ޕީސީއާރް ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވަނީ މާލޭގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތިވެފައިވާނަމަ، މާލެއިން ފުރައިގެން އެހެން ތަނަކަށް ދަތުރުކުރެވޭނީ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ކަމަށް އެ އެޖެންސީން މީގެކުރިން ކަނޑައަޅަިއ އިއުލާންކޮށްފައިވާނެ ކަމަށެވެ.
މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ޓެސްޓް ކުރެވޭ ސާމްޕަލްތަކުގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އެހެންކަމުން ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާތާ 14 ދުވަސް ވެފައިވާނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރުނުވާ ޕީސީއާރް ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިނުވާނަމަ، 14 ދުވަހަށް ކަރަންޓީނުވާންޖެހެއެވެ. އަދި ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ޕީސީއާރް ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ އިތުރަށް ކަރަންޓީނުގައި ހުންނަންޖެހޭނެއެވެ.
ދުނިޔޭގައި ހަލުވިމާއެކު ފެތުރެމުންދާ ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.