ޕާކިސްތާނުގެ ރިސޯޓެއްގައި ތިބި 22 މީހަކު ފިނީގެ ތޫފާނެއްގެ ސަބަބުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ފަރުބަދަ ސަރަހައްދުގައި ހުންނަ މަޝްހޫރު ރިސޯޓަކަށް އެރި ފިނީގެ ތޫފާނުގައި 22 މީހަކު މަރުވީ މުޅި ރޭގަނޑު އެއްކޮށް ވެހިކަލްތަކުގައި ތާށި ވެގެންނެވެ.

މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ފިނިހޫނުމިން ދަށްވެ، ހައިޕޯތާމިއާގެ ސަބަބުން ކަމަށް ޕާކިސްތާނުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ޝެއިޚް ރާޝިދު އަހްމަދު ވިދާޅުވީ، އެ ރިސޯޓް ހުންނަ ސަރަހައްދަށް 48 އިންޗީގެ ބޯމިނަށް ސްނޯ ވެހިފައިވާ ކަމަށާއި، ފިނިހޫނުމިން މައިނަސް އަށް ޑިގްރީއާ ހަމައަށް ވެއްޓިފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި އަދިވެސް ހާހަކަށްވުރެ ގިނަ މީހުން ފިނީގައި ވެހިކަލްތަކުގެ ތެރޭގައި ތާށިވެފައި ތިބި ކަމަށް ރިޕޯޓުތަކުގައިވެއެވެ. ޕާކިސްތާނުގެ ސިފައިން އަންނަނީ އެ މީހުން ސަލާމަތްކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ހާހަކަށްވުރެ ގިނަ މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ސިފައިންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

ޕާކިސްތާނުގެ ސިފައިން ވަނީ އެ ސަރަހައްދުގެ ސްކޫލްތަކުގައި ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައެވެ. މި ވަގުތީ ހިޔާގައި އެ ސަރަހައްދުގައި ތިބި ފަތުރުވެރިންނާއި އާންމުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ، މިފަދަ ކަމެއް އަލުން ތަކުރާރު ނުވާނެހެން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މޫސުމަށް ނުބަލައި އާންމުން ހަރަކާތްތެރިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ 28 މޭލު އުތުރުގައި ހުންނަ މުރީ ރިސޯޓަކީ ކޮންމެ އަހަރަކުވެސް އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ ތަނެކެވެ. ފިނީގެ ތޫފާނުގެ ސަބަބުން މަރުވި 22 މީހުންގެ ތެރޭގައި 10 ކުޑަކުދިން ހިމެނެއެވެ.