ތުރުކުމެނިސްތާނުގެ މަޝްހޫރު 'ގޭޓްވޭ ޓު ހެލް' ބަންދުކުރަން އެ ގައުމުގެ ރައީސް ގުރްބަންގުލީ ބަރްދީ މުހައްމަދު އަންގަވައިފިއެވެ.

އެ ގައުމުގެ މަޝްހޫރު 'ގޭޓްވޭ ޓު ހެލް' އަކީ 1971 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން އެ ގައުމުގެ ކަރަކުމް ސަހަރާގައި ހުރި ޑަރްވާޒާ ކްރޭޓަރު ކޮނުމަށް ހިންގި ޚާއްސަ އޮޕަރޭޝަނަކަށް ފަހު މިއަދާ ޖެހެންދެންވެސް އަނދަމުން އަންނަ ކްރޭޓަރެކެވެ. ނަމަވެސް އެތަނުގެ އެ އަލިފާންގަނޑުގެ އަސްލު އެއްވެސް ބަޔަކަށް ފުރިހަމައަށް ދެނެގަނެވިފައި ނުވެއެވެ.

މިތަން ބަންދުކުރަން އެ ގައުމުގެ ރައީސް ގުރްބަންގުލީ ބަރްދީ މުހައްމަދު އެންގެވީ އެތަން ހުރުމުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންގެ ސިއްހަތަށް ގެއްލުންވާތީއެވެ. އަދި އެ ގައުމުން އެކްސްޕޯޓްކުރާ ގޭހުގެ ނިސްބަތް އިތުރުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތުރުކަމެނިސްތާނަކީ ސޯވިއެޓް ޔޫނިއަން ރޫޅުމާއެކު، އެ އިއްތިހާދުން ވަކިވެ، މިނިވަން ދައުލަތެއް ގާއިމުކުރި ގައުމެކެވެ.