09 Mar 2012, 13:02
ޓެލްއަވީވް (މާޗް 9) : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ކައިރި މުސްތަޤްބަލެއްގައި ޙަމަލާ ނުދޭކެކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ކުރިޔަށްއޮތް ހަފްތާތަކާއި މަދު މަސްތަކުގައި ޙަމަލާނުދިނުމަށް ނިންމީ އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ނަތީޖާ ނުކުމޭތޯ ބެލުމަށެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްރާއީލު ބޭނުންވާ ނަތީޖާއަކީ ނިއުކްލިޔަރ ޕްރޮގްރާމާމެދު އީރާނުގެ ވިސްނުން ބަދަލުކޮށް އެޕްރޮގްރާމް ހުއްޓާލުމާބެހޭ ވާހަކަތައް ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އީރާނުން ފެށުން ކަމަށް ނަތަނިޔާހޫ ވިދާޅުވިއެވެ.
ވޮޝިންގޓަނަށް ކުރެއްވި ދަތުރެއް ނިންމާލުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެން އިސްރާއީލުގެ ޗެނެލް 10 އަކަށް ދެއްވި ބަސްދީގަތުމެއްގައި ނަތަނިޔާހޫ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުން އެދެވޭ ނަތީޖާ ނުނުކުމެއްޖެނަމަ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ހަލާކުކޮށްލުމަށްޓަކައި އެތަންތަނަށް އިސްރާއީލުން ޢަސްކަރީ ޙަމަލާތައް ދޭނެކަމުގައެވެ. އީރާނަށް ޙަމަލާނުދީ އަހަރުތަކަކަށް ނޫނީ ގިނަ މަސްތަކަކަށް އިސްރާއީލުން އިންތިޒާރު ނުކުރާނެ ކަމަށްވެސް ނަތަނިޔާހޫ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދިނުމަކީ ޤައުމަކާދެކޮޅަށް އިސްވެ ހަނގުރާމަ ފެށުންކަމަށްވާއިރު މިއީ އދ. ގެ ޗާޓަރާ އަދި ބައިނަލްއަޤްވާމީ ޤާނޫނާވެސް ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެޖެހިދާނެ ކަމުގެ އިންޒާރު މިދެޤައުމުން ދެމުންގެންދާތާވަނީ 10 ވަރަކަށް އަހަރު ވެފައެވެ. އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ލަސްނުކޮށް ޙަމަލާދޭންޖެހޭ ކަމަށާއި މިކަމުގައި އެމެރިކާވެސް ބައިވެރިވުމަށް އިސްރާއީލުން ގޮވާލުމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަމުގެ ހެއްކެތް ފެންނަންނެތް ކަމަށް ވިދާޅުވެ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަމުގެ ހެކިލިބިއްޖެނަމަ އީރާނަށް ޙަމަލާދީ އީރާނަށް ނިއުކްލިޔަރ ހަތިޔާރު ލިބުންމަނާކުރުމަށް ޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ. އޮބާމާގެ މިބަޔާނަށް ނުރުހުން ފާޅުކޮށް އިސްރާއީލުގެ ވަޒީރަކުވަނީ ވާހަކަ ދައްކަވާފައެވެ.
ނަތަނިޔާހޫގެ އަރިހުގައި އޮބާމާ ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް މިހާރު އެމެރިކާ ގެންގުޅެނީ ދަތިކުރުކުރުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންގޮސް އީރާން އިޤްތިސާދީ ގޮތުން އިނދަޖައްސާލުގެ ސިޔާސަތެއް ކަމަށާ މިކަންކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައެވެ. އޮބާމާވަނީ އީރާނާ ދެކޮޅަށް އިސްރާއީލު އަތްއިސްކޮށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް މިދުވަސްވަރު ޙަމަލާދިނުމަށް އެމެރިކާ ތާއީދު ނުކުރާކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުން ގެންދަނީ ސިއްރިޔާތުގައި ނިއުކްލިޔަރ ހަތިޔާރު އުފައްދައި އެއިން މެދުއިރުމަތީގެ ޤައުމުތަކަށް ބިރު ދެއްކުމަށްފަހު އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ އިސްރާއީލު ނައްތާލުމަށްޓަކައި ނިއުކްލިޔަރ ބޮން އުފައްދަން މަސައްކަތްކުރާ ޕްރޮގްރާމެއް ކަމަށް ސިފަކުރަމުންނެވެ. އިސްރާއީލަކީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނުކިޔަމަންތެރި ޤައުމެއްގެ އިތުރުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެންއުޅޭ އަނިޔާވެރި އިސްތިއްމާރީ ބާރެކެވެ.
އިސްރާއީލުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުން އެކަން މައްސަލައަކަށް ނުވެފައި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ ބޮޑު މައްސަލައެއްކަމަށް އިސްރާއީލާއި އެމެރިކާ ދެކެނީ އިސްރާއީލާ ތިލަފަތް ހަމަވާވަރުގެ އިސްލާމީ ބާރެއް މެދުއިރުމަތީގައި އުފެދިދާނެތީ އާއި މިފަދަ ބާރެއް އުފެދުމަކީ ފަލަސްތީނުގެ މައްސަލާގައި ދޫދޭން އިސްރާއީލަށް މަޖްބޫރު ވެގެންދާނެތީ ކަމަށް މުޙައްލިލުން ދެކެއެވެ.
އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތަކީ މެދުއިރުމަތީގައި އިސްރާއީލު ނޫން ޤައުމަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީއާއި ސައެންޓިފިކް ބާރެއް ލިބުނަ ނުދިނުން ކަމަށާ އިސްރާއީލުގެ ބިރުދެއްކުންތަކުގެ ޝިކާރައެއްގެ ގޮތުގައި ޢަރަބި އަދި އިސްލާމީ ޤައުމުތައް އަބަދަށް ބޭއްވުންކަމަށްވެެސް މުހައްލިލުން ދެކެއެވެ. -- ނޫސްއެޖެންސީތައް