09 Mar 2012, 12:49
ގައުމަށްޓަކައި ސިޔާސީ ފިނިހޫނުމިން ތިރިކޮށްލަން ޖެހިފައވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. ށ. އަތޮޅށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ރޭ އެ އަތޮޅު ފުނަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އައި ބަދަލު ސަބަބުން، ސިޔާސީ ޕާޓީތައް އުފެދުނު ކަމުގައިވިޔަސް ވެރިކަންކުރާ ބަޔަކު، އެންމެންގެ މަޞްލަޙަތަށާއި ފައިދާއާއި ލާބައަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާރު ސިޔާސީ ގޮތުން ކަންކަން ވަމުން ދަނީ ޤައުމަށް ފައިދާހުރި ގޮތުގައި ނޫން ކަމަށާއި އެ ސަބަށްޓަކައި ދިވެހިންގެ ސިޔާސީ ފިނި ހޫނުމިން ތިރިކޮށްލައި ފިނިކޮށްލަން ޖެހިފައިވާ ކަމަށެވެ.
"އެއީއަކީ ޤައުމަށް ފައިދާހުރި ގޮތެއްނޫން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ސިޔާސީ ފިނި ހޫނުމިން ތިރިކޮށްލަން، ފިނިކޮށްލަން. އަދި އަޅުގަނޑުމެން ކޮންމެ ޕާޓީއެއްގައި އުޅުނު ކަމުގައިވީނަމަވެސް، ދެން ތިބި މީހުންނަކީ އެއީވެސް ދިވެހި ރައްޔިތުންކަން، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކަން، އަޅުގަނޑުމެން ލޯބިވާ މީހުންކަން ދެނެގެން އުޅެން އެބަޖެހޭ. އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް މިކަމަކީ،" ރައީސް ވިދާޅުވި އެވެ. "މި ޤައުމަކީ ކުޑަކުޑަ ޤައުމެއް. މިޤައުމުގެ ތެރޭގައި، ބައިބައިވުން އުފެދުމުން، އޭގެ އަސަރު އެބަކުރޭ ޢާއިލާތަކަށް ވެސް. މިއަދު މި ރާއްޖޭގެ ގިނަ ރަށްރަށުގެ ޢާއިލާތައްވަނީ ބައިބައިވެފައި. ބައްޕައިންނާއި ދަރިން، މަންމައިންނާއި ދަރިން، އަދި ދެމަފިރިން ވެސް، ސިޔާސީ ކަންކަމުގައި ޖެހިގެންގޮސް، ޢާއިލާގެ ތެރޭގައި ހަމަނުޖެހުންވަނީ އުފެދިފައި. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫން،"
ރައީސް ވަހީދުގެވާހަކަފުޅުގައިވިދާޅުވީ މިހާރު ފެންނަ މަންޒަރުތަކަކީ، ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއް ނަމަ، ދެން އޮތް ޕާޓީން އެ މީހާއަކީ ދުޝްމަނެއް ކަމަށް ބެލުން ކަމަށާއި އެއީ އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް ދަރިފުޅު ނަމަވެސް ކަން ހިނގަމުން ދަނީ އެހެން ކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާމީ ޤައުމެއްގެ ގޮތުގައި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި މުސްލިމުންތަކެއްގެ ގޮތުގައި ދިވެހިން ތިބޭއިރު އެފަދަ ކަން މެދުވެރިވެގެން ނުވާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެކަމާ ވިސްނަން ޖެހޭ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ވެރިން، ސިޔާސީ ޕާޓީތަކުގެ ކައުންސިލްތަކުން ވަރަށް ބޮޑަށް އެބަޖެހޭ ވިސްނަން. އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮންނަންޖެހޭ، ސިޔާސީ އަޚްލާޤީ މިންގަނޑުތަކެއްވެސް. ސިޔާސީ ކުރެވޭނެ ކަންތައްތަކާއި، ކުރަންނުވާ ކަންތައްތަކާ އެބަޖެހޭ އަޅުގަނޑުމެން ދެނެގަންނަން. މީހަކާ ދެބަސްވާއިރަށް، އެމީހެއްގެ ފަހަތުން ދުވެ، ހަޅޭއްލަވައި، ގާއުކައި، ވެލިއުކައި، ކުޅުޖަހާ އަދި އެވަރުން ނުވެގެން، ރައްޔިތުންގެ ތަންތާނގައި ރޯކޮށް، ތަންތަން ސުންނާފަތި ކުރުން، މިއީކީ އަޚްލާޤީ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އަދި ދުނިޔޭގެ ތަރައްޤީވެފައިވާ ޑިމޮކްރެޓިކް ޤައުމުތަކުގައި ކަންހިނގާ ގޮތެއްވެސް ނޫން މިއީކީ،" ރައީސް ވިދާޅުވި އެވެ. "ތަރައްޤީވެފައިވާ އެއްވެސް ޤައުމެއްގައި މިގޮތަކަށް މީހުން ކަންތައްކޮށެއް ނޫޅޭ. އިޙްތިޖާޖް ކުރުމުގައިވެސް، މުޒާހަރާ ކުރުމުގައިވެސް މިންގަނޑުތަކެއް ހުރޭ. އެ މިންގަނޑުތަކުގެ ތެރޭގައި މީހުން މަސައްކަތް ކުރަމުން ގެންދަނީ. އެހެންވީމާ، އަޅުގަނޑުމެންވެސް ސިޔާސީ ގޮތުން ތަޞައްރުފް ފުދެން ބޭނުންވާ ކަމުގައިވާނަމަ، އަޅުގަނޑުމެން އެބަޖެހޭ ތަރައްޤީވެފައިވާ އެހެން ޤައުމުތަކުގައި، ސިޔާސީ ކަންކަންކުރާގޮތަށް، އަޅުގަނޑުމެންވެސް އެކަންކަން ކުރަން ދަސްކުރަން،"
ރައީސް ވިދާޅުވީ ރާއްޖެ ކުރާ ޑިމޮކްރެޓިކް ދަތުރުގައި، އޮތީ ވަރަށް ޅަފަތުގައި ކަމަށާއި ބައެއް ފަހަރަށް މިނިވަންކަމުން އެހެން މީހުންނަށް ކިތަންމެވަރަކަށް އުނދަގޫވިޔަސް އެއީ މައްސަލައެއް ނޫން ކަމަށް ހީވެދާނެ ކަމަށެވެ. އެހެންކަމުން ދިވެހިން ޑިމޮކްރަސީ ދަސްކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރަސީއަށް ރާއްޖެ މަސައްކަތް ފެށިތާ ވަރަށްގިނަ ޒަމާންވެއްޖެ ކަމަށާއި އެ މަސައްކަތަކީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފެށުނު ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ޑިމޮކްރެޓިކް، އެންމެންނަށް އިންސާނީ ޙައްޤުތައް ލިބިދޭ، ޤާނޫނުއަސާސީއެއް އުފެއްދުމަށްޓަކައި މަސައްކަތް ކުރަން ފެށިތާ ވަރަށްގިނަ ދުވަސްވެއްޖެ. އެމަސައްކަތުގައި އަޅުގަނޑުމެން އެތަކެއް ޒަމާން ހޭދަކޮށްގެން، އަޅުގަނޑުމެންގެ އަތުގައި މިހާރު އޮތް ފެހި ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް މިލިބުނީ. މި ޤާނޫނުއަސާސީގައި މިހާރު އެބަހުރި، ރައްޔިތުންގެ ޙައްޤުތައް ވަރަށް ރަނގަޅަށް ބަޔާންކުރެވިފައި. އަދި އެ ޙައްޤުތަކުން އެހެން މީހުންނަށް އުނދަގޫވީމާ، އެކަން ނިމޭ ހިސާބުވެސް، އޭގެ ޙުދޫދުވެސް ކަނޑައެޅިފައި އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މި ޤާނޫނުއަސާސީ ދެމެހެއްޓޭތޯ މަސައްކަތް ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ފެށި ޑިމޮކްރަސީގެ ދަތުރަށް ވަރަށްބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަމަށާއި ޅަފަތުގައި އޮތް ޑިމޮކްރަސީއެއްގައި، މިކުރާ ދަތުރު، ވާންވީ ވަރަށްވުރެ ބޮޑަށް އުނދަގޫވެ، ރާޅުތަކެއްގެ ތެރޭގައި ތާށިވެ، އޭގެ ސަބަބުން، މުޅި ޤައުމު ބޮޑު އުދާސްގަނޑެއްގެ ތެރެއަށް ގޮސްފައިވާ ކަމަށާއި މާތް ﷲ ގެ މިންވަރުފުޅުން ބަދަލެއް އައީ އެ ރާޅުގަނޑުގެތެރޭގައި ތިއްބާ ކަމަށެވެ.
"އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނަން. މި ޤައުމަށް މިއައި ބަދަލަކީ، މިއީކީ އެއްވެސް ބަޔަކު އަމިއްލައަށް ގެނެވޭވަރުގެ ބަދަލެއް ނޫން. ހިނގާދިޔަ ކަންތައްތަކަކީ، އެއްވެސް ބަޔަކަށް ރާވައިގެން ކުރެވޭވަރުގެ ކަމެއްވެސް ނޫން. މިކަންކަން ވެގެން މިދިޔައީ، މާތް ﷲ މިކަން މިންވަރު ކުރެއްވި ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ހަމަނުޖެހުން އުފައްދާ އުނދަގޫތައް މީހުންނަށް ކުރިމަތިކުރުމަށް މަދުބަޔަކު ކުރާ މަސައްކަތްތައް އެއީ ވަރަށްދެރަ ކަމެއް ކަމަށާއި އެކަން ހުއްޓާލަން އެމަނިކުފާނު އިލްތިމާސް ކުރައްވާ ކަމަށެވެ.
"ޤައުމު ކުރިއަށް ގެންދެވޭނީ، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކައިގެން. ގެންނަންޖެހޭ އިޞްލާޙުތައް، ވާހަކަ ދައްކައިގެން. ޤާނޫނީގޮތުން ގެންނަންޖެހޭ ކަންކަން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގެނެސްގެން. ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިހާތަނަށް އަދި ރައްޔިތުންގެ މަޖިލިސްވެސް ހުޅުވިޔަނުދޭން ބަޔަކު މަސައްކަތް ކުރަމުންދާތަން. ޤައުމެއް ހިންގާނެ ގޮތެއް ތިޔަބޭފުޅުން ވިދާޅުވޭ. ޤައުމުގެ ސިޔާސީ ކަންކަމުގައި އުޅޭ ވަކިބަޔަކު، އެޤައުމުގައި ޤަބޫލުކުރާ އެއްވެސް މުއައްސަސާއެއް ނެތީމާ، ޤާނޫނެއް ގަވާއިދެއް ނެތް ކަމަށް ގަބޫލުކޮށް، ޢަދުލު އިންޞާފް ޤާއިމްކުރާނެ ބަޔަކު ނެތް ކަމަށް ގަބޫލުކޮށް، އަމަން އަމާންކަން ޤާއިމްކުރާނެ ބަޔަކު ނެތް ކަމަށް ޤަބޫލުކޮށް، ވެރިން ނެތް ކަމަށް ގަބޫލުކޮށް، ޤާނޫނުހަދާ މަޖިލީހެއް ނުހުޅުވައި، ދެން ކޮންތާކަށްތޯ އަޅުގަނޑުމެންނަށް މިދެވެނީ؟" އެމަނިކުފާނު ސުވާލު ކުރެއްވެވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތައް ބައިވެރިވާ މި ސަރުކާރަކީ ވަރަށް ޓެކްނިކަލް، ޤާބިލް ބޭފުޅުން ހިމެނޭ ކެބިނެޓެއް އޮތް ސަރުކާރެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގައި ދިމާވި ގޮންޖެހުންތަކުން ސަލާމަތްކޮށްދޭނެ ކަމަށެވެ.
"މި ސަރުކާރަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަމަހައްޓައި، ފުރިހަމައަށް ޤާނޫނުތަކަށް ބޯލަނބާނެ ސަރުކާރެއް. އެއްވެސް ބަޔަކަށް ޣައިރު ޤާނޫނީ އަމުރެއް ނުކޮށް، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރާނެ ސަރުކާރެއް. އަދި ހަމައެހެން، ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ސަރުކާރެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށްދާ ކަމަށް އެމްޑީޕީގެ ބައެއް ޒުވާނުންނަށް ހީވެގެން އުޅޭ ކަމަށާއި އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"އެބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގަންނަވާކަހަލަ، ޑިމޮކްރަސީ ފަހަތަށޭ މިދަނީ. އެބޭފުޅުންވެސް ކުރެއްވި މަސައްކަތް، މިހާރު މިއޮތީ ގެއްލިފައޭ. ޙަޤީޤަތަކީ އެއީއެއް ނޫން. ޑިމޮކްރަސީއަކީ ވަރަށްގިނަ ބަޔަކު، އެ ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އައި ކަމެއް. ކުރިން ދެންނެވިހެން އެއީ 2008 ވަނަ އަހަރު ފެށުނު މަސައްކަތެއް ނޫން. ވަރަށް ގިނަ ބަޔަކު، ވަރަށްގިނަ ދުވަސް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ. މިވޭތުވެދިޔަ 30 އަހަރުވެސް، 40 އަހަރުވެސް ކުރި މަސައްކަތުގެ ނަތީޖާގެ ސަބަބުން އަޅުގަނޑުމެންނަށް ޑިމޮކްރެޓިކް ވެރިކަމެއް މި ޤާއިމް ކުރެވިގެން މިއުޅެނީ،" ރައީސް ވިދާޅުވި އެވެ.