08 Jan 2022, 23:28
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުއްލިއަކަށް ބަޣާވާތުގެ ވާހަކަ ދައްކަން ފެއްޓެވީ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގައި ތާއީދު ނެތްކަން އެނގުމުން ކަމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލަސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ދޭން ވާނީ ޑްރަގުގެ ވިޔަފާރި އާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަމަށެވެ. އަދި ބަޣާވާތާ ވެސް ދެކޮޅަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ވާހަކައަށް ރަށްދު ދެއްވަމުން އުޝާމް ވިދާޅުވީ ރައީސް ސޯލިހު ވެރިކަން ހޯއްދަވަން އުޅުއްވި އިރު އެންމެ އަރިހުގައި ތިއްބެވީ ބަޣާވަތް ކުރި ކަމަށް އެ ބުނާ މީހުން ކަމަށެވެ.
"ތިޔަވިދާޅުވާ ބަގާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ މަނިކުފާނުގެ ޕާޓީއާއި މަނިކުފާނުގެ ސަރުކާރުގަ،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ރައީސް އެގޮތަށް އެ ވިދާޅުވީ ސިޔާސީ ގޮތުން ކަމަށެވެ. ސަބަބަކީ މުޅި ރާއްޖޭގައި އަދި ކޮމަންޑޫ ދާއިރާގައި އެމްޑީޕީއަށް އޮންނަ ތާއީދު ކުޑަވެ އެމްއެންޕީއަށް ތާއީދު އިތުރުވަމުން ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ތުހުމަތު ކުރަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓާލީ މިހާރުގެ އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އިސްވެ ހުންނަވައިގެން ކަމަށެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރި ދަނީ ގަދަ ވަމުންނެވެ. ކުރިމަތިލާ ތިން ޕާޓީގެ މެދުގައި ބަހުގެ ހޫނު ހަމަލާ ތަކެއް އަންނަނީ ކެމްޕޭން ހަރަކާތް ތަކުގައި ބަދަލު ކުރަމުންނެވެ.