08 Jan 2022, 20:16
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހީންނަށް ޗައިނާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ކޮވިޑް-19ގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބުމުން ދިވެހީންނަށް ޗައިނާއަށް އޮންއެރައިވަލް ވިސާގައި ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއަށް އޮންއެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރީ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ، ފޮރިން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މިއަދު ސޮއިކުރި ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން، ދިވެހީންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެއެވެ.
މީގެ އިތުރުން ރާއްޖެއަށް އަންނަ ޗައިނާ ރައްޔިތުންނަށް ވެސް އެ އެއްބަސްވުމުގެ ދަށުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިއީ ދިވެހީންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ ފަސް ވަނަ ގައުމެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯ އިން ދިވެހީންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މި ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު ސައުދީ އަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާއަށް ދަތުރުކުރުމުގައި ދިވެހީންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ވަނީ ހަމަޖައްސާފައެވެ.
ޗައިނާގެ ފޮރިން މިނިސްޓާރު ރާއްޖެއަށް ކުރެއްވި ރަސްމީ މި ދަތުރުފުޅުގައި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ވަނީ އެއްބަސްވުންތަކެއްގައި ދެ ގައުމުގެ މެދުގައި ސޮއި ކޮށްފައެވެ.
އޮގޮތުން ޗައިނާއިން ރާއްޖެއަށް 968.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ބިރުޖުގެ މަރާމާތު ކުރުމުގެ މުއްދަތު އިތުރުކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
ފަސް ރަށެއްގައި ސީ ވޯޓާ ޑިސަލައިނޭޝަން ޕްލާންޓު ގާއިމްކުރުމުގެ އިތުރުން ސިއްހީ ގޮތުން އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި މެޑިކަލް ކްލިނިކެއް ނުވަތަ ކޭމްޕު ކުރިއަށް ގެންދިއުމަށް ވެސް އެއްބަސްވުމަގައި ވަނީ ސޮއި ކޮށްފައެވެ.