08 Jan 2022, 17:56
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ގެ ކަމުގައިވާ މ. ދިމްޔާާތު ކުރިމަތީގައި ޕާކު ކުރެވޭގޮތް ހަދައިފިއެވެ.
މުއިއްޒު މިހާރު ދިރިއުޅުއްވާ ބުރުޒުމަގުގައި ހުންނަ މ. ދިމްޔާތު ގެ ކުރިމަތީގައި ޕާކު ކުރުން ކުރިން ވަނީ މަނާކޮށްފައެވެ. އެއީ އެ މަގުން ގިނައިން އެމްބިއުލާންސް ދަތުރުކުރަން ޖެހުމުގެ ސަބަބުން އެމްބިއުލާންސަށް ފަސޭހައިން ދަތުރުކުރެވޭނެ ޖާގަ ދިނުމަށް ކުރި ނިންމި ނިންމުމެކެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު "ސަން"އަށް ވިދާޅުވީ އެ ގޭގެ ކުރިމަތީގައި ޕާކު ކުރާގޮތަށް ހަމަޖެއްސީ ޕާކު ކުރުމަށް ދިމާވެފައިވާ ދަތިކަން ކުޑަކުރަން ކަމަށެވެ.
"އެ މަގުގައި ކަންމައްޗާ އެއްކޮށް ޕާކު ކޮށްފައި ހުންނަނީ. އެނގިލައްވާނެ ކަންމަތީގައި ޕާކު ކުރުމުން އެކްސިޑެންޓެއް ވެސް ހިނގާފާނެކަން،" ނަރީޝް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ އެ ގެ ކުރިމަތިގައި ހަތް ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ހަދާފައިވާނެ ކަމަށެވެ.
ދިމްޔާތަކީ ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ މާލޭގެ އެންމެ ބޮޑު އެއް ގެސްޓްހައުސްއެވެ. އެހެންކަމުން އެ އިމާރާތަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ވަދެ ނިކުމެ ހަދާ އިމާރާތެކެވެ.