އަހަރުގެ ހިތްވަރު ގަދަ އަންހެނުންނަށް އެމެރިކާގެ ރައީސް ދެއްވާ "ހިތްވަރު ގަދަ އަންހެނާގެ އެވޯޑް" ކުރީގެ ޖެންޑާ މިނިސްޓަރު އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މުލަކު އަތޮޅު މެންބަރުކަން ކުރެއްވި އަނީސާ އަހުމަދަށް ލިބިއްޖެ އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ 101 ވަނަ އަންހެނުންގެ ދުވަހު އެމެރިކާގެ ނިއުޔޯކްގެ ސްޓޭޓް ޑިޕާޓްމަންޓުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ އެވޯޑް އަނީސާއާ ހަވާލުކޮށްދެއްވީ އެމެރިކާގެ ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަން އާއި ބަރަކު އޮބްމާގެ އަނބިކަބަލުން، ފަސްޓް ލޭޑީ މިޝެއިލް އޮބާމާ އެވެ.

އަނިސާއަށް އެ އެވޯޑް ލިބިވަޑައިގަތުމުން މީއީ ރާއްޖޭގެ އަންހެނަކަށް މި އެވޯޑް ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ އެވޯޑް ލިބިވަޑައިގަތީ އެމްޑީޕީގެ ޕާލިމަންޓް މެންބަރު އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އަށެވެ.

އަނީސާއާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް ވެބްސައިޓުގައި ބުނެފައިވަނީ އެކަމަނާއަކީ ގެވެށި އަނިޔާ އާއި އަންހެން ކުދިން ހިތާނު ކުރުންފަދަ އަންހެނުންނާ ދެކޮޅަށް ދިވެހި މުޖުތަމައުގައި ހިންގާ އަމަލުތައް ހުއްޓުވުމަށް އަޑު އުފުއްލައްވާ އަމަލީ ގޮތުން މަސައްކަތް ކުރައްވާ ބޭކަނބަލެއް ކަމަށެވެ.

އަނީސާގެ އިތުރުން މިއަހަރު އެވޯޑުވަނީ އެކި ގައުމުތަކުގެ ހަތް ބޭކަނބަލަކަށް ލިބިވަޑައިގެންފައިވެ އެވެ.