ފާއިތުވީ 24 ގަޑިއިރު ތެރޭގައި މާލެއިން ނެގި 1032 ސާމްޕަލްގެ ތެރެއިން 100 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުން 88 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 89 މީހުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 97،331އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 3086 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 12 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ ޖުމްލަ 3601 ސާމްޕަލެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 93،968 އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ރައްޔިތަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުން ކަމަށެވެ. އެގޮތުން ބޭރު ތެރޭގައި އުޅޭއިރު ރަނގަޅަށް މާސްކު އެޅުމާއި ގައިދުރު ކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.