08 Mar 2012, 22:58
ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް މުހައްމަދު މުސްތަފާ ހޮވިއްޖެ އެވެ. މުސްތަފާ ޕްރައިމަރީ ކާމިޔާބުކޮށްފައި ވަނީ އަބްދުއް ރަޝީދު އަބްދުﷲ އާއި އަހުމަދު ޝަފީގާ ވާދަކުރައްވައިގެންނެވެ.
ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން މި ރޭ ހާމަކުރި ޕްރައިމަރީ ވޯޓު ނަތީޖާ ދައްކާ ގޮތުން ޕްރައިމަރީގައި ބެހެއްޓި ހަތަރުފޮއްޓަށް 458 މީހުން ވޯޓުލާފައިވާ އިރު، މުސްތަފާ އަށް ޖުމުލަ 367 މީހުންގެ ވޯޓު ވަނީ ލިބިފަ އެވެ.
އަދި މުސްތަފާއާ ވާދަކުރި އަބްދުލް ރަޝީދު އަބްދުﷲ އަށް 49 ވޯޓު ލިބުނު އިރު އަހުމަދު ޝަފީގަށް ލިބިފައި ވަނީ 39 ވޯޓެވެ.
ތިމަރަފުށީ ދާއިރާގެ ގޮނޑީގައި ކުރިން އިންނެވި މުސްތަފާއަށް އެ ގޮނޑި ގެއްލިފައި ވަނީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އަދި ގޮނޑި ގެއްލުނު ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ ގޮނޑި އަލުން ކާމިޔާބެ ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.
ތިމަރަފުށީ ދާއިރާގެ ގޮނޑި ހުސްވުމުން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 14 ގަ އެވެ. މީގެ އިތުރުން ކާށިދޫ ދާއިރާގެ ބައި އިލެކްޝަނާއި ދެ ދާއިރާ އެއްގެ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ވެސް އިލެކްޝަނުން ނިންމާފައި ވަނީ ހަމަ އެ ދު ވަހު އެވެ.