އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.

ފޮރިން މިނިސްޓަރު ޝާހިދު -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މިއަދު ހެނދުނުގެ ވަގުތެއްގައި މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަންނަވާފައި މިވަނީ، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާތީއެވެ.

ޗައިނާގެ ފޮރިން މިިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެ ވަޑައިގެނެވުމަށްފަހު، އެ މަގާމުގެ ހައިސިއްޔަތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ޝާހިދު ރާއްޖެ ވަޑައިގަތެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ޝާހިދު ކުރެއްވި ދަތުރުފުޅެކެވެ.

އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމާ ޝާހިދު ހަވާލުވެވަޑައިގެންނެވި ކަމުގައިވީ ނަމަވެސް އަދި ވެސް ފޮރިން މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާނީ އޭނާއެވެ.

ނަމަވެސް މިވަގުތު އެ މިނިސްޓްރީ ހިންގުމުގެ މަސައްކަތް ކުރައްވަމުން އަންނަނީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.