އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑީޕީ އަންހެނުން އިންތިޒާމު ކުރި މުޒާހަރާ މިއަދު ހަވީރު 4:00 ގައި ފެށީ ސޯޝަލް ސެންޓަރު ކައިރިންނެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި މުޒާހަރާގެ ބައިވެރިން ސޯޝަލް ސެންޓަރު ކައިރިން މަޖީދީމަގުން އިރަށް ދިޔައިރު އަޑުއުފުލަމުން ދިޔައީ އަވަސް އިންތިހާބަކަށް އެދި އެވެ. އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްތިއުފާ އަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.

ސަރުކާރާ ދެކޮޅަށް ގިނަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިންގެ އަންހެންވެރިން ކުރިއަށްދިޔަ އިރު، ފަހަތުގައި އެމްޑީޕީގެ ފިރިހެނުން ވެސް ތިއްބެވެ. ސަލާމަތީ ބާރުތަކުގެ އެއްވެސް ވަރަކަށް ހުރަސް ނޭޅުމުން އެމްޑީޕީގެ އަންހެނުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ކުރިމައްޗަށެވެ.

އެ ސަރަހައްދުން ރަޔަޓް ފުލުހުން އެމީހުން ހުއްޓުވުމުން އެ ސަރަހައްދުގައި އެމީހުން އިށީނެވެ. އަންހެންވެރިންގެ ފަހަތުން އައި ފިރިހެނުން ދިޔައީ ޓްރޭޑާސް ހޮޓާ ސަރަހައްދަށެވެ. އެ ހިސާބުން ވެސް ފިރިހެނުންނަށް ހުރަސް އެޅީ ރަޔަޓް ފުލުހުނާއި ސިފައިންގެ ސަފެއް ރުކުރުވާލައިގެންނެވެ.

ހަމައެވަގުތު އަންހެނުންގެ އެހެން ގްރޫޕަކުން ފޮރިން މިނިސްޓްރީ ކުރިމަތީގައި ވެސް މުޒާހަރާ ފެށިފަ އެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން މިއަދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ޝީލްޑްތަކާ އެކު އެމީހުން ވެސް މަޑުމަޑުން ތިބީ އެވެ. ގާތް ގަޑަކަށް 8:45 އެހާކަންހާ އިރު އަންހެންވެރިން މުޒާހަރާ މެދުކަޑާލި އެވެ. އޭރު ބުނީ "ގެއަށް ގޮސް ރީތިވެގެން އަލުން އަންނާނެ" ކަމަށެވެ.

ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އެމްޑީޕީގެ މުޒާހަރާގެ މައިދާން، ރާޅުގަނޑު ސަރަހައްދަށް ގޮސް މުޒާހަރާ ނިންމާލިކަން އިއުލާން ކުރި އެވެ.