06 Jan 2022, 22:33
ފާއިތުވީ 24 ގަޑިއިރު ތެރޭގައި މާލެއިން ނެގި 1814 ސާމްޕަލްގެ ތެރެއިން 136 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެއިން މިއަދު އަލަށް ޕޮޒިޓިވްވީ 304 މީހުންނެވެ.
އޭގެ ތެރެއިން އަތޮޅުތެރޭގެ ރަށްރަށުން 78 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު ޕޮޒިޓިވްވީ 83 މީހުންނެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 97،050އަށް އަރާފައެވެ.
މި ބަލި ޖެހިފައިވާ 2908 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 4130 ސާމްޕަލް ޓެސްޓްކޮށްފައިވެއެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވި، މީހުންގެ ޖުމުލަ އަދަދަކީ 93،865 އެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.
ފުލުހުން ބުނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް ބުންޏެވެ.
ކޮވިޑު ކޭސްތައް ދަށްވެފައި ގިނަ ދުވަސްތަކަށް އޮތުމަށް އަނެއްކާވެސް ޕޮޒިޓިވް ރޭޓް މަތިވާން ފެށުމާއެކު ހޮޑުލާ ބޭރަށް ހިންގުމުގެ ރޯގާ ޖެހޭ މީހުންގެ އަދަދުވެސް މިވަނީ އިތުރުވާން ފަށާފައެވެ.
އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވީ، ކޮވިޑާ އެއްވަރަށް ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާ ކަމަށާއި އެެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދިނުމަށް އިންތިމާސް ކުރާ ކަމަށެވެ.