06 Jan 2022, 22:31
ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާޖީގެ ފަރުވާއަށް އިމިއުނޯތެރަޕީގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަރުންމަތީ (އީއެންޓީ) އަދި ނޭވާލާ ނިޒާމުގެ (ރެސްޕިރޭޓަރީ) ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުގެ ފަރާތުން ތައާރަފްކުރާ އިމިއުނޮތެރަޕީގެ ހިދުމަތަކީ ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަށްފަހު އެލާޖީއެއްގެ އަސަރު ހުރިނަމަ އެއަށް ދެވޭ ފަރުވާއެކެވެ.
ސްކިން ޕްރިކް އެލާޖީ ޓެސްޓު ހަދަނީ ތަފާތު ވައްތަރުގެ ކުނޑިއަށް، ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާރޖިކް ވޭތޯ ބެލުމަށް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނި ގޮތުގައި ސްކިން ޕްރިކް އެލާޖީ ޓެސްޓިން ހިދުމަތުގެ އެހީގައި ކުޑަ ވަގުތުކޮޅެއް ތެރޭގައި އެއްވެސް އެލާޖީއެއްގެ އަސަރެތް ހުރިތޯ ތަހްލީލްކުރެވޭނެއެވެ. މި ޓެސްޓުގެ ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ އިމިއުނޯތެރަޕީގެ ހިދުމަތުގެ ލަފާ ޑޮކްޓަރު ދެއްވާނެއެވެ.
އިމިއުނޯތެރަޕީގެ ބޭނުންކުރައްވާނެ ގޮތުގެ އިރުޝާދު ހޯއްދެވުމަށް އެޕޮއިންޓްމެންޓް ހަދަން ޖެހޭނެއެވެ. އިމިއުނޯތެރަޕީ ހިދުމަތުގެ ފުރަތަމަ ލަފާއިން ފެށިގެން، ދިގު މުއްދަތަކަށް މި ތެރަޕީ ކުރިއަށް ގެންދަވަން ޖެހޭނަމަ ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޭޝަންޓަށް ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެނީ ފަސް އަހަރުން މަތީގެ ޕޭޝަޓުންނަށް އެކަންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސްކިން ޕްރިކް އެލާޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ކަރުންމަތީ ބަލިތަކުގެ (އީއެންޓީ) ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލް އާއި ފުއްޕާމޭގެ ޚާއްސަ ޑޮކްޓާ ރަގުލާން ރާޖާލިންގަމްއެވެ.
ޑރ. ރަވަލް އަކީ މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓރޭޝަން، ކުއްލި ފަރުވާ، އައިސީޔޫ އަދި އޮޓޮލޮޖީ ސާޖަރީކުރުމުގައި އެތައް އަހަރެއްގެ ތަޖްރިބާ ހޯއްދައިފައިވާ ޑޮކްޓަރެކެވެ. މީގެ އިތުރުން ޑރ. ރަވަލް އަކީ ރަވަލް ސާޖިކަލް ހޮސްޕިޓަލުގެ ވެރިފަރާތް ކަމުގައިވެސް މެއެވެ. އަދި ދާދިފަހުން ގަވަމަންޓް އޮފް މަހަރާސްޓްރަގެ ހެލްތް ޑިޕާޓްމަންޓްގައި އީއެންޓީ ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް މަސަތްކަތް ކުރައްވާފައި ވެއެވެ.