ކޮވިޑް-19 ބަލިޖެހޭ އަދަދު މާލެ ސިޓީގައި ގިނަވަމުންދާތީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކުރަމުން އަންނަ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޮވިޑްގެ ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ މިހާރު ފިޔަވަޅުތައް އަންނަނީ ހަރުކަށި ކުރަމުންނެވެ.

އޮގޮތުން މިރޭގެ ވަގުތެއްގައި ފުލުހުން ވެސް ވަނީ މާސްކު އެޅުން ތަންފީޒުކުރުމަށް ނިކުންނާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މާލޭގައި ކުރިއަށްދާ ނައިޓް މާކެޓު ފަދަ ތަންތަނަށް ހުއްދަ ދޫކުރުން މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ މަޑުޖައްސާލާފައެވެ.

ގިނަ ދުވަސްތަކަކަށްފަހު އިއްޔެ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް ވަނީ އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 134 މީހަކު މާލެއިން ވަނީ ޕޮޒިޓިވްވެފައެވެ.

ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހު، ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑާ ގުޅުވައިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވިދާޅުވިއެވެ.