އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު މީހެއްގެ އަތުން ވަޒަންތަކެއް ފެނިގެން އެ މައްސަލަ ތަހުގީގު ކުރަންފަށައިފި އެވެ.

އެމްއެންޑީއެފްއިން ވަނީ ސަންއަށް އެކަން ޔަގީން ކޮށްދީފަ އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިރޭ ވިދާޅުވީ އިއްތިހާދު އެއާވޭސްގެ ފުލައިޓުން މިރޭ ފުރަން އުޅުނު ބިދޭސީ އެއްގެ އަތުން "ވަޒަންތަކެއް" ފެނިގެން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

"އެ މައްސަލަ ތަހުގީގު ކުރާތީ އިތުރު މައުލޫމާތެއް އަޅުގަނޑުމެންނަށް މި ވަގުތު ދެވޭކަށް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފުލުހުން ބުނީ ވަޒަންތަކުގެ މައްސަލައިގައި އެމީހާޔާ ސުވާލުކޮށް އެއީ ކިހިނެތް ހިނގި ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.

ސަން އަށް އެގިފައިވާ ގޮތުގައި އެއީ ޕޮލެންޑުގެ ރައްޔިތެކެވެ. އެއާޕޯޓުގައި ބައެއް އޮފިޝަލުން ބުނަނީ އޭނާ އަތުން ފެނުނީ އޭކޭ 47 މަރުކާގެ ބަޑީގެ ވަޒަތަކެއް ކަމަށެވެ. އެމީހާ އަކީ ޔޮޓަކުން ރާއްޖެ އައިސްއުޅުނު މީހެއް ކަމައްވެސް އޮފިޝަލުން ބުނެ އެވެ.