06 Jan 2022, 20:54
ބޯވާ ނަގަން ފައިބައިގެން އުޅެނިކޮށް ގެއްލުނު ހދ. ކުމުންދޫ، އަރާއިރު، ޝުރައިހު ހަސަން، 21، ހޯދުމަށް ހިންގަމުން ދިޔަ އޮޕަރޭޝަން ކުޑަކޮށް ހަމައެކަނި ސާފެސް ސާޗްއަކަށް ބަދަލުކޮށްފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ޝުރައިހު ގެއްލުނީ މިދިޔަ ހުކުރު ދުވަހު ރައްޓެހިން ތަކަކާ އެކު ބޯވާ ނަގަން ގުޅިފަޅު ކައިރަށް ފޭބިފަހުންނެވެ.
އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރޮންއިން ދަނީ ކުރަމުންނެވެ.
ނަމަވެސް ޝުރައިހު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ 72 ދެގަޑި އިރު ވެފައި ވުމުން އޭނާ ދިރިހުއްޓާ ފެނުމުގެ އުއްމީދު ފަނޑުވެފައި ވާތީ، ކުރިން އޭނާ ހޯދުމަށް ކުރަމުން އައި އެކްޓިވް ސާޗް ސޭފް ސާޗަކަށް ބަދަލު ކޮށްފައި ވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"72 ގަޑިއިރަކީ މިފަދަ ހާދިސާތަކުގައި މީހުން ނުފެނި، އެ މީހުންގެ ސަވައިވަބިލިޓީ ރޭޓު އެންމެ ބޮޑަށް ދިގުދެމިގެންދާނެ މުއްދަތު ކަމަށް ދުނިޔޭގެ ގިނަ ތަންތަނުގައި ބަލައިގަންނަ ސްޓެންޑަޑް ވަގުތު،" އެމްއެންޑީއެފްއިން ބުންޏެވެ.
ކުރިން ކުރަމުން އައި އެކްޓިވް ސާޗް މެދު ކަނޑައިލި ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ސޭފް ސާޗެއްގެ ގޮތުގައި ކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެކްޓިވް ސާޗުގައި ކުރިން ވައިގެ މަގުންނާއި ކަނޑު އަޑީގައި ޑައިވް ކޮށްގެން ބެލި ނަމަވެސް ސޭފް ސާޗުގައި އެމްއެންޑީއެފް އިން ބޭނުންކުރާނީ ކޯސްޓްގާޑުގެ ކަނޑު އުޅަނދެކެވެ.
އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ނުވަތަ ހަދިސާ ހިނގައިގެން އުޅޭ ސަރަހައްދުން އެ ހާދިސާއާ ގުޅޭ އެއްވެސް ކަމެއް ފާހަގަ ވެއްޖެނަމަ އެކަން ކޯސްޓްގާޑަށް އެންގުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.
އޭނާ ގެއްލުނުއިރު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މީގެ ކުރިން ވެސް ބޯވަ ހިފަން ގޮސް އުޅުނު ބައެއް މީހުން އޮޔާ ދަމައިގަނެ، ގެއްލުމުގެ ހާދިސާތައް ހިނގައިފައިވެއެވެ.