ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އެޗްޕީއޭއިން ކަނޑައެޅުމާ ގުޅިގެން އެކަން ތަންފީޒުކުރަން ފުލުހުން ނުކުމެއްޖެއެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކުރެވިފައި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް ވެސް އެ ޓްވީޓުގައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ރޭ އާންމު ކުރި ކޮވިޑްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުމްލަ 224 މީހަކު 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވެއެވެ.

މާލެއިން އިއްޔެ ޕޮޒިޓިވްވީ 102 މީހުންނެވެ. އަދި ރިސޯޓްތަކުން 74 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މާލޭގައި ކޮވިޑްގެ ކޭސްތައް ގިނަވުމާއެކު ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅޭގޮތުން ސިއްހީ ޚިދުމަތްތެރިންނާއެކު ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.