06 Jan 2022, 18:51
ރާއްޖޭގައި އަލަށް ފަށާ އަށް ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓްގެ މޮބިލައިޒޭޝަން މަސައްކަތް ފެށުމަށް 5.49 މިލިއަން ރުފިޔާ އިންޑިއާއިން ދޫކޮށްފިއެވެ.
މި މަޝަރޫއުތައް ހިންގުމަށް ބޭނުންވާ އެމްއޯޔޫތައް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމާލާފައެވެ.
ހަތް އަތޮޅެއްގެ އަށް ރަށެއްގައި ހިންގާ މި މަޝްރޫއުތަކަށް 36.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ތ. ތިމަރަފުއްޓާއި އެ އަތޮޅު ވޭމަންޑޫގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ލ. މާބައިދޫގައި އައިސް ޕްލާންޓް ގާއިމް ކުރުމާއި އދ. ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ވެސް އޭގެތެރޭގައި ހިމެނެއެވެ.
ނ. މިލަދޫ ކައުންސިލް އިމާރާތް ބިނާކުރުމާއި ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ގާއިމްކުރަން ބޭނުންވާ ފައިސާ ވެސް އޭގެތެރޭގައި ހިމެނެއެވެ.
ހަމައެހެންމެ އެމްއެންޑީއެފްއަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުމާއި، މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ވެސް އެ ފައިސާ އިންނެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މާޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަޝްރޫއެއް ރަށު ކައުންސިލްތަކުން ހިންގަމުން ދާކަމަށް އިންޑިއާ އެމަބަސީން ބުންޏެވެ.
އެމްބަސީން ބުނިގޮތުގައި ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ-ރާއްޖެ ތަރައްގީގެ ޕާޓްނާޝިޕްގެ މުހިންމު އެއް ތަނބެވެ.