އަލްމާއަތާ (6 ޖަނަވަރީ 2022) : މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމެއް ކަމަށްވާ ކަޒަޚިސްތާނުގައި ސަރުކާރާ ދެކޮޅަށް ކުއްލި ގޮތަކަށް ކުރަންފެށި ހަރުކަށި އިހްތިޖާޖްތަކުގައި އެތައް ބަޔަކު މަރުވެ ހާހަކަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ކަޒަޚިސްތާނުގެ އަމަނާބެހޭ އިދާރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އިހްތިޖާޖްތަކުގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ނިސްބަތްވާ މީހުންނާއި އިހްތިޖާޖްތަކުގައި އިސްކޮށް އުޅުނު އެތައް ބަޔަކު ހިމެނެއެވެ. ޒަޚަމްވި ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި ގިނައީ އާންމުންނެވެ.

ކަޒަޚިސްތާނުގެ ރައީސް ގާސިމް ޖޯމާތު ތޮކަޔޭފް ވަނީ އިޙްތިޖާޖްތަކުގައި ލީޑު ދައުރެއް އަދާކުރީ ބައިނަލްއަގުވާމީ ޓެރަރިސްޓުންގެ ޖަމާއަތަކުން ކަމަށް ސިފަކުރައްވާފައެވެ. ޓެރަރިސްޓުންގެ އިތުރުން ބޭރުގެ ފަރާތްތަކުގެ މަދަދު ލިބިގެން އުޅޭ އަނދިރި ބާރުތަކެއްވެސް ހަމަނުޖެހުންތަކުގައި އިސް ދައުރެއް އަދަކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ގާސިމް ވިދާޅުވިގޮތުގައި އެއީ ބޭރުގައި ނުރައްކާތެރި ތަމްރީންތަކެއް ހަދާފައިވާ ޓެރަރިސްޓުންނާއި އަނދިރި ބާރުތަކެކެވެ.

ކަޒަޚިސްތާނުގެ އިހްތިޖާޖްތައް

މީލާދީ އައު އަހަރާ ދިމާކޮށް ކަޒަޚިސްތާނުގައި އިހްތިޖާޖްތައް ފެށުނީ އެގައުމުގައި ގޭހުގެ އަގު ދެގުނައަށް މަތިކުރުމާ ގުޅިގެން އެކަމާދެކޮޅަށެވެ. ޒަނޯޒެން އަވަށުގައި ޖަނަވަރީ ދެވަނަ ދުވަހު ފެށި އެ އިހްތިޖާޖްތައް ފަހުންވަނީ އާދަޔާ ޚިލާފަށް ހަރުކަށިވެ ރައީސް ގާސިމްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަރުކަށި އަދި ސުލްހަވެރި ނޫން އިހްތިޖާޖްތަކަކަށް ބަދަލުވެފައެވެ.

ކަޒަކިސްތާނުގައި އެއްގަމު އުޅަނދުތަކުގައި ހަކަތައިގެ ގޮތުގައި ބޭނުންކުރަނީ އެލްޕީޖީ ގޭހެވެ. ގޭހުގެ އަގު ދެގުނައަށް މައްޗަށް ދިޔައީ ސަރުކާރުން ގޭހަށް ޒަމާނުއްސުރެ ދެމުން ގެންދިޔަ ސަބްސިޑީ ކުއްލި ގޮތަކަށް ކަނޑާލުމާ ގުޅިގެންނެވެ. މިއިހްތިޖާޖްތައް މިހާރުވަނީ ކަޒަޚިސްތާނުގެ ހުރިހާ ބޮޑެތި ސިޓީތަކަށް ފެތުރިފައެވެ.

އިހްތިޖާޖްތަކުގައި އިސްކޮށް އުޅޭ ހަރުކަށި ފަރާތްތައްވަނީ ސަރުކާރުގެ އިމާރާތްތަކަށާ އަދި އެންމެ ބޮޑު ސިޓީކަމަށްވާ އަލްމާއަތާ ގެ އެއާޕޯޓަށްވެސް ހަމަލާދީފައެވެ. މިއާއެކު އެ އެއާޕޯޓުގެ ހަރަކާތްތައްވެސް މެދުކެނޑިގެން ދިޔައެވެ.

އިހްތިޖާޖްތަކާ ގުޅިގެން ރައީސް ގާސިމްވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި އޭނާގެ ސަރުކާރުގެ ކެބިނެޓް މެންބަރުން މަގާމުން ވަކިކުރައްވައި ސަރުކާރު އުވާލައްވައި އައު ސަރުކާރެއް އެކުލަވާލުމަށް ނިންމަވާފައެވެ. މީގެއިތުރުން ރައީސް ގާސިމްވަނީ އިހުތިޖާޖުތައް މައިތިރިކުރުމަށް ޓަކައި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގައުމުތަކުގެ ކޮމަންވެލްތް ޖަމްއިއްޔާގެ އެހީތެރިކަމަށްވެސް އެދިވަޑައިގެންފައެވެ.

ކުރީގެ ސޮވިއެޓް ޔުނިޔަންއަށް ނިސްބަތްވާ އިސްލާމީ ގައުމެއް ކަމަށްވާ ކަޒަޚިސްތާނަކީ ހަމަނުޖެހުން ނުހިނގާ އަދި ސަރުކާރާ ދެކޮޅު ހަރަކާތްތައްވެސް މިހާތަނަށް ނުފެންނަ ގައުމެކެވެ. ނަމަވެސް މީލާދީ އައު އަހަރާއެކު ފެށުނު މި އިހްތިޖާޖްތަކާއެކު ކަޒަޚިސްތާނުގެ އަމަން އަމާންކަން ވަނީ މުޅިން ގެއްލިގެން ގޮސްފައެވެ.