06 Jan 2022, 13:16
ކޮވިޑް-19 ރާއްޖޭގައި އިތުރު ވަމުންދާ ގޮތަށް ބޭރަށް ހިންގުން ވެސް އިތުރުވާތީ ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސް ކުރަން ފަށައިފިއެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމާ ގުޅޭގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް އިރުޝާދު ދެއްވަނީ، ހޮޑުލައި ބޭރަށް ހިންގުން ޖެހިއްޖެ ނަމަ ހޮޑަށް ބޭސް ދީފައި ހޮޮޑު މަނާކޮށްލުމަށެވެ.
ހަމައެޔާއެކު ބަލިމީހާއަށް ރަނގަޅަށް ދިޔާ އެއްޗެހި ދީ، ފެން މަދުވިޔަ ނުދިނުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ބަނޑުދިޔަނަމަ ކިރާ ޑައިރީ ހުއްޓާލާ. ލޮނުޕެކެޓްބޯނަމަ އެދީ، ނޫންނަމަ އެހެން ދިޔާއެއްޗެހި ދީ. ބަތްޕެން ރަނގަޅުވާނެ،"
މީގެ އިތުރުން ޑރ ވިދާޅުވީ މާބަނޑު މީހުންނަށް ވެސް ހޮޑަށް ބޭސް ދެވޭނެ ކަމަށެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވީ، ކޮވިޑާ އެއްވަރަށް ބޭރަށް ހިންގުން އިތުރުވާ ކަމަށާއި، ނަމަވެސް އިތުރުވާ މިންވަރު އެނގޭނީ ހުރިހާ ޑޭޓާތައް ލިބުމުން ކަމަށެވެ.
ކޮވިޑް އަދި ބޭރަށް ހިންގުމަކީ ވެސް ވައިރަލް އިންފެކްޝަންއެއްކަން ފާހަގަ ކުރައްވަމުން ޑރ. ވިދާޅުވީ ދެކަމުން ރައްކާތެރިވުމަށް ވެސް އެޅެން ހުރި ފިޔަވަޅު ތަކަކީ ވެސް ގާތްގަނޑަކަށް އެއްކަހަލަ ފިޔަވަޅުތަކެއް ކަމަށެވެ.
ޑރ އަފްޒަލް ވިދާޅުވީ ސައިބޯނި ލައިގެން އަތް ދޮވުމަށް ސަމާޅުކަން ދިނުމާއި ބޭރަށް ދާން ޖެހިގެން ނޫނީ ބޭރުތެރޭގައި ގިނައިން ނޫޅުމުގެ އިތުރުން ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
ބޭރަށް ހިންގުމަކީވެސް ކޮވިޑް ފަދައިން ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް އަރައި، އަދި ފެތުރޭ ބައްޔެއް ކަމުން، ކޮވިޑުން ރައްކާތެރިވުމަށް ކުރަންވީ ކަންކަން ކުރުމުން ބޭރަށް ހިންގުމަށް ވެސް ރައްކާތެރި ވެވޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ހަގީގަތުގަ ކޮވިޑްގެ ރައްކާތެރިކަމަށް ސަމާލުކަން ދީފިއްޔާ އޭގެ ދަށުން ހަމަ ކަވާ ވެގެން ދާނެ ބޭރަށް ހިނގުންވެސް،" އަފްޒަލް ވިދާޅުވިއެވެ.
އަރިދަފުސް ރޯގާއަށްވުރެ މިވަގުތު ގިނައީ ބޭރަށް ހިނގުމާއި ކޮވިޑް ކަމަށް ޑރ އަފްޒަލް ފާހަގަ ކުރެއްވިއެވެ.
"ހާއްސަކޮށް މިފަދަ ޗުއްޓީ ދުވަސް ވަރެއް ވީމަ، ކޮވިޑަށްވެސް އަދި ބޭރަށް ހިންގުމަށް ރައްކާތެރި ވުމަށްވެސް އެންމެ މުހިންމު ފިޔަވަޅަކަށް އެޅޭނީ ސައިބޯނި ލައިގެން އަތްދޮވުން،"
މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްތަކަކަށް ވުމާއެކު މީހުންގެ ހެލިފެލިވެ އުޅުން އިތުރުވެފައި ވާތީ، އެކަކު އަނެކަކުގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން އެކަނިވެސް އިއްޔެ 102 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 96،746އަށް އަރާފައެވެ.