ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒާއެކު ރައްކާތެރިކަން އިތުރުވެ، އެންޓިބޮޑީތައް ފަސް ގުނައަށް އިތުރުވާކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓު ވިދާޅުވެއްޖެއެވެ.

ބެނެޓް މިހެން ވިދާޅުވެފައިވަނީ އެ ގައުމުން ކުރިއަށް ގެންދާ ވެކްސިނާ ގުޅޭ ދިރާސާއެއްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ.

އިޒްރޭލުން ވަނީ އެގައުމުގެ ބައެއް ފްރޮންޓްލައިން މުވައްޒަފުންނަށް މިހާރު ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ދީފައެވެ.

"ހަތަރު ވަނަ ޑޯޒް ޖަހާތާ ހަފުތާއެއް ފަހުން، ވެކްސިން ޖެހި މީހާގެ ހަށިގަނޑުގައި އެންޓިބޮޑީ ފަސް ގުނަ އެބަ އިތުރުވޭ، ވަރަށް ބޮޑު ޔަގީންކަމާ އެކު އެނގިގެން [އެބަދޭ] އިތުރު ޑޯޒެއް ޖެހުން ރައްކާތެރިކަން،" ބެނެޓު ވިދާޅުވި އެވެ.

އިޒްރޭލުން ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ދޭން ނިންމާފައެވެ. އޮމިކްރޮން ވޭރިއަންޓުވެސް ފެތުރެމުން އަންނަ އެ ގައުމުން މި ބަލީގައި 8،247 މީހުން މަރުވެފައިވެއެވެ.