08 Mar 2012, 18:21
ޖިންސުގެ ހަމަހަމަކަން ހިފެހެއްޓުމަށާއި އަންހެނުންނަށް ހައްގު އިހްތިޔާރުތައް ދިނުމުގައި ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދިއުމަށް އދ.ގެ ސެކެޓްރީ ޖެނެރަލް ބަންކީމޫން ގޮވާލައްވައިފި އެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބަންކީމޫން ދެއްވި ހާއްސަ ހިތާބުގައި ވިދާޅުވީ އަންހެނުންގެ ދުވަސް ހާއްސަ ކުރެވިފައި ވަނީ ރަށްފުށުގެ އަންހެނުންނަށާއި ރަށްފުށުގެ އަންހެން ކުދީންނަށް ކަމަށެވެ. އަދި ރަށްފުށުގެ އުޅޭ އަންހެނުންނާއި އަންހެން ކުދިންނަކީ ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ކަމަށާއި ނަމަވެސް އިގްތިސާދީ އިޖްތިމާއީ އަދި ސިޔާސީ ވަޒަންކުރުންތަކުގައި އެބައިމީހުން ވަނީ އެންމެ ދަށް ހަރުފަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންކީމޫންގެ މިއަދުގެ ހިތާބުގައި އިތުރަށް ވިދާޅުވީ އަންހެނުންގެ ލަޔާގަތާއި ގާބިލިއްޔަތާ ގާތަށް ވެސް މަސައްކަތްކުރުމުގެ ފުރުޞަތެއް ނުލިބޭ ކަމަށާއި އުފެއްދުންތެރި ވަޞީލަތްތަކަށް ރަށްފުށުގެ އަންހެނުންނަށް ހަމަހަމަ ފުރުޞަތު ލިބިއްޖެ ނަމަ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ހަތަރު އިންސައްތަ މައްޗަށް ޖެހިގެންދާނެ ކަމަށެވެ.
އަދި ކާނާ އާއި ހަށިގަނޑަށް ބޭނުންވާ ބާވަތްތައް ލިބުމުގެ ފުރުޞަތު އިތުރުވެ 150 މިލިޔަން މީހުން ބަނޑުހައިހޫނުކަމުން މިންޖުކުރެވޭނޭ ކަމަށް ވެސް ބަންކީމޫން ވިދާޅުވި އެވެ.
އަންހެނުންނަށް އިހްތިޔާރުތައް ލިބިދިނުމަށް ދެމުން ދާ އަހައްމިއްޔަތުތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ބަންކީމޫން ވިދާޅުވީ އެހެން އެއްވެސް އިރަކަށް ވުރެ ގިނައިން މިހާރު ޤައުމުތަކުގެ އިސް މަގާމުތަކުގައި ތިބި އަންހެނުންގެ އަދަދު ގިނަވަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގައި ވެސް އަންހެނުންގެ ނުފޫޒާއި ބާރު ފެތުރެމުން އަންނަ ކަމަށެވެ. އަދި ސްކޫލްތަކަށް ދާ އަންހެން ކުދީންގެ އަދަދު އިތުރުވުމުގެ އިތުރުން ފުރިހަމަ ޞިއްހަތެއް ލިބިގެން ބޮޑުވުމުގެ ފުރުޞަތު ލިބުން އިތުރުވެފައިވާ ކަމަށާއި އަންހެން ކުދީންނަށް އެކުދީންގެ ޤާބިލިއްޔަތު ދެނެގަތުމުގެ މަގު ފަހިވަމުންދާ ކަމަށް ވެސް ބަންކީމޫން ވަނީ ފާހަނގަކުރައްވާފަ އެވެ.