ރާއްޖެއިން އިސްރާއީލާ ޚާރިޖީ ގުޅުން ގާއިމުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، އިސްރާއީލާ ޚާރިޖީ ގުޅުން ގާއިމުކުރުމުގެ މަޝްވަރާއެއްވެސް އަދި މަސައްކަތެއްވެސް ދިވެހި ސަރުކާރުން ނުކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ ރާއްޖެއިން އިޒްރޭލާ ގުޅުން ގާއިމުކުރަން އުޅޭކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިސްރާއީލާ ޚާރިޖީ ގުޅުންތައް ބާއްވާފައެވެ. އެހެންނަމަވެސް، ރައީސް މައުމޫންުގެ ވެރިކަމުގައި 1974 ވަނަ އަހަރު އެ ގައުމާއެކު އޮތް ގުޅުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ގައުމާއެކު ގުޅުން ގާއިމްކުރަން މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. އެގޮތުން އޭރުގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ވަނީ އިސްރާއީލަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

އިސްރާއީލާއެކު ރާއްޖެއިން އެއްވެސް ގުޅުމެއް ގާއިމުކޮށްފައި ނުވިނަމަވެސް އެ ގައުމުގެ ފަތުރުވެރިންނަށް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ގައުމުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާފައެވެ.

އިސްރާއީލާއެކު މެދުއިރުމަތީގެ ބައެއް ގައުމުތަކުން ޚާރިޖީ ގުޅުން ގާއިމުކުރަމުން އަންނައިރު، އެ ގައުމުގެ ނޫހުން ރިޕޯޓްކޮށްފައި އޮތީ ކޮމޯރޮސް އާއި ރާއްޖެއިންވެސް ގުޅުން ބަދަހިކުރަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ކޮމޯރޮސް އަކީވެސް މުސްލިމް މެޖޯރިޓީ އޮންނަ ގައުމެކެވެ.