ގިނަ ދުވަސްތަކަކަށްފަހު 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން މިއަދު 102 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.

އަތޮޅު ތެރޭގެ ރަށްރަށުން 48 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު ޕޮޒިޓިވްވީ 74 މީހުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 96،746އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 2734 މީހަކު މިވަގުތު ތިބިއިރު، އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅިން ފަސޭހަވި، މީހުންގެ ޖުމުލަ އަދަދަކީ 93،736އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 263 މީހުން ވަނީ މަރުވެފައެވެ.

ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްުޔެ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހު، ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑާ ގުޅުވައިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވިދާޅުވިއެވެ.