އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރުވުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށް ބާއްވާ 35 ގަޑިއިރަށް ދުވުމުގެ ހަރަކާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަބަލުން ފަޒްނާ އަހުމަދު ފައްޓަވައިދެއްވައިފިއެވެ.

މެދުކެނޑުމެއް ނެތި 35 ގަޑިއިރު ދުވާ މި ހަރަކާތް ފަށައިފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. އަދި މި ހަރަކާތް ނިމޭނީ މާދަމާ ރޭ 8:00 ގައެވެ.

"ދުވާހިތުން" މި ޝިއާރުގެ ދަށުން ދުވުމުގެ ކޮންމެ ބައިވެރިއަކު ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާ ޗެރިޓީއަށް ހަދިޔާ ކުރަންޖެހެއެވެ.

މި ހަރަކާތުން ލިބޭ ފައިސާ ޓައިނީ ހާޓްސް އޮފް ދި މޯލްޑިވްސް އަށް އޭޑީކޭއިން ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ "ދުވާހިތުން" ޗެރިޓީ ދުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ މި ދުވުމުގައި ހާއްސަ ލަކީޑްރޯ ތަކެއް ނެގުމަށްވެސް އޭޑީކޭ އިން ވަނީ ނިންމާފައެވެ. މި ލަކީޑްރޯ ނަގާނީ ކޮންމެ ފަސް ގަޑި އިރަކުންނެވެ. ލަކީޑްރޯއިން މޮޅުވާ ފަރާތަކަށް އޭޑީކޭއިން ސްޕޯޓްސް ޕެކޭޖެއް ދޭނެއެވެ.

މި ހަރަކާތުގައި ބައިވެރުވުމަށް ރަންގައި ރަޖިސްޓްރީ ވާންޖެހެއެވެ. އަދި ރަޖިސްޓްރީ ވުމުން ލިބޭ ބޭންޑް އަތުގައި އަޅައިގެން ދުވުމަށްފަހު އެކުވެނީގައި ގާއިމްކޮށްފައިވާ ކައުންޓަރުން ދުވި ވަރު ބަލަންޖެހެއެވެ.

ދުވުމުގައި ބައިވެރިވާ ކޮންމެ މީހަކު މަދުވެގްނެ އެއް ކިލޯމީޓަރަށް ދުވަންޖެހެއެވެ.